އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު (ޓޫފޯ) ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަޙްމަދު މުޙައްމަދު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރު އެވެ.

ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި 30 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، އެ މުއައްސަސާގެ ތަފާތު އެކި ދާއިރާތަކުގައި އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

މީގެ ތެރޭގައި އޮޕަރޭޝަނަލް، ތަހުގީގީ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތަކުގެ އިސްވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތައް ފާހަގަކުރެވެ އެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މިއަދު އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ މަގާމުގަ އެވެ.

ޓޫފޯ އަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތުން އޭނާ ވަކިކުރަން 9 އޯގަސްޓު 2021 ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައިގަ އެވެ.

އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ 10 އޮކްޓޫބަރު 2021 ގަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް މިސަރުކާރުން ވަނީ ޓޫފޯ އަލުން ވަޒީފާ އަށް ނެރިފަ އެވެ. އަދި އޭނާ އަށް މި ސަރުކާރުން ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފަ އެވެ. 

މިއީ މި ސަރުކާރުން އައްޔަން ކުރާ ތިން ވަނަ ޕޮލިސް ކޮމިޝަނަރެވެ.

އެންމެ ފުރަތަމަ އެ މަގާމު އަދާކުރެއްވީ އަލީ ސުޖާއު އެވެ. އޭނާ އިސްތިއުފާ ދެއްވީ  އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެންނެވެ.

އޭގެފަހުން އެ މަގާމަށް ވަޑައިގަތީ އިސްމާއިލް ނަވީން އެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމުން ފެބްރުއަރީ މަހުގެ ތެރޭގައި ރިޓަޔަރ ކުރެއްވުމާއި ގުޅިގެން މަގާމު ހުސްވެގެން ދިޔަ އެވެ.