ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުން ސަރުކާރަށް ލިބުނު ބަލި ގަބޫލުކުރައްވާ، އިންތިޚާބު ކާމިޔާބު ކުރި ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދަޅުވެއްޖެ އެވެ.

ވަގުތީ ނަތީޖާތަކުންފެންނަ ގޮތުންއި ލޯކަލް ކައުންސިލުގެ 479 ގޮނޑީގެ ތެރެއިން އެމްޑީޕީ އިން ވަނީ 230 ގޮނޑި ހޯދާފަ އެވެ. އަދި ވެރިކަން ހިންގާ ޕީއެންސީއަށް އަދި ލިބުނީ 202 ގޮނޑި އެވެ. އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް 70 ޕަސެންޓު ރައްޔިތުން ވަނީ ދެކޮޅު ހަދާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މި އިންތިޚާބުތަކާއި ދިމާކޮށް އެކި ގޮތް ގޮތުން ސަރުކާރުން ނުފޫޒު ފޯރުވުމާއި ވަޒީފާގެ ބިރު ދެއްކުމުގެ ތުހުމަތު ވަނީ އުފުލިފަ އެވެ. އަދި އިންތިޚާބާއި ގުޅުން ހުރި ކޮރަޕްޝަންގެ އެތައް މައްސަލަ އެއް އިލެކްޝަންސް ކޮމިޝަނާއި، އޭސީސީ އަށް ވެސް އެކި އެކި ފަރާތްތަކުން ވަނީ ހުށަހަޅާފަ އެވެ.

އިންތިޚާބު ފެށެން ކުޑަތަން ވެފައި ވަނިކޮށް ވެސް ސަރުކާރުން އެތައް ވަޒީފާތަކެއް އިއުލާން ކުރި އެވެ. އެމްޑީޕީ އިން އިންތިޚާބު ކާމިޔާބުކޮށްފައި މި ވަނީ މިފަދަ އެތައް ފިއްތުންތަކާއި އެކުގަ އެވެ.