ހޮނިހިރު ދުވަހު ބާއްވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ހުރިހާ ސިޓީއަކާއި ގިނަ ރަށްތައް އަދި ފެންނަ ނުފެންނަ ވޯޓްގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދު ވަނީ ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިއަދު ކުރިއަށްދިޔަ ފެންނަ ނުފެންނަ ވޯޓުގައި ވެސް ވަގުތީ ނަތީޖާ އިން ފެންނަ ގޮތުގައި އާއްމުން ވަނީ ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑި ސަރުކާރަށް ގެއްލުމުގެ އިތުރުން، ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ވެސް ގިނަ ދާއިރާތަކުން އެމްޑީޕީ އިން ވަނީ ވަރަށް ރަނގަޅު މެޖޯރިޓީ އެއް ސަރުކާރާއި ދެކޮޅަށް ހޯދާފަ އެވެ.