ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ހޮނިހިރު ދުވަހު ފުލުހުން ބުނީ، މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ. 

އެގޮތުން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ހަނީސީޒަން ، މުޙައްމަދު މާހިރު (36އ) އާއި ސ. ހުޅުދޫ / ސޯސަން، ޢަލީ އީޝާދު (32އ) އާއި މާލެ / ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި ޅ. ހިންނަވަރު / ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) އާއި ލ. ގަން / މުކުރިމަގު. މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.

ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ އީޝާދުއާއި، މުޙައްމަދު މާހިރުއާއި، ޢަބްދުލްމާޖިދު އިބްރާހީމްއާއި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް އަދި އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.