ތިން އިންތިޚާބުގެ އިންތިޒާމުތަކާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)އިން އަމަލު ކުރަމުންދާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެެއްޖެ އެވެ.

ވޯޓު ލެއްވުމަށްފަހު ނުކުމެ ވަޑައިގެން ދެއްވި އިންޓަވިޔުއެއްގައި ޔާމީން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ވަރަށް މުހިންމު ކަމަށާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް ވޯޓުލާން ޖެހޭ ކަމަށެވެ. އަދި އެ ހައްގު އަދާ ކުރުމަށް ޔާމީން ގޮވާލެއްވި އެވެ. 

ރިފެރެންޑަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިއީ އިހުތިޔާރީ ވޯޓެއް ނޫން ކަމާއި، މިއީ މަޖުބޫރު ވޯޓެއް ކަމަށެވެ. މި ވޯޓުގެ ނަތީޖާއިން މުޅި ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޔާމީން ވަނީ މިއިންތިޚާބަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމުގައި އީސީން މަސައްކަތް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ މި ތިން އިންތިޚާބުގެ ވޯޓު ކަރުދާސް ވެސް ޑިޒައިން ކޮށްފައިވަނީ އާއްމު ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ނޫން ކަމަށެވެ. މިސާލަކަށް ސިލޯނަށް ބަލާލިކަމުގައި ވިޔަސް 14،000 މީހުން އުޅޭނެ. މެލޭޝިޔާގައި ވެސް އެހައިކަން ވަރަށް މީހުން އުޅޭނެ. އެހެންވީމަ ވަރަށް ގިނަ އަދަދެއްގެ ވޯޓުލުމުގެ ހައްގުހުރި ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތެއް ނެތް. އިލެކްޝަނުން ވިދާޅުވެފައި އޮތީ ތިމަންނަމެން އެދޭ ވަރަކަށް ވޯޓު ރީރަޖިސްޓަރ ކޮށްފައެއް ނެތޭ އިނގޭތޯ. އެކަމަކު އެއީ އިލެކްޝަނުން ދުރާލާ އިސްވެ ކުރަން ޖެހޭ މަސައްކަތެއް އިނގޭތޯ. ދުރާލާ ކުރަން ޖެހޭ މަސައްކަތެއް. އިލެކްޝަންގެ ބޭނުމަކަށް ވާންވާނީ ރާއްޖޭގެ ގިނަ ރައްޔިތުން ނޫނިއްޔާ ވޯޓުލާން ތިބި ހުރިހާ ރައްޔިތުން މިކަމުގައި ކިހިނެތްތޯ އެނގޭތޯ. އެހެންވީމަ އިލެކްޝަނުން ނެތް މަސައްކަތް ކޮށްފައި. އޭގެ ބަދަލުގައި ވަރަށް ކަންފަސޭހަކޮށް ރީރަޖިސްޓްރީ ކުރުމުގެ އިންޓަރެސްޓެއް މީހުން ނެތޭ. އެހެންވީމަ ތިމަންނަމެން އިންޓަރެސްޓް ނެތީއޭ. މީގައި ވަކިވަކި ފަރުދުންގެ އިންޓަރެސްޓަށް ވުރެ ބޮޑުވާންވާނީ ދައުލަތުން މިކަން ހިންގާ މުއައްސަސާގެ އިންޓަރެސްޓް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިކަން ކޮށްފައި އޮތީ ވަރަށް ގައިރު ޒިންމާދާރު ކަންމަތީގައޭ — ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ވަރަށް ބޮޑަށް ބިރުން އުޅޭ ކަމަށާއި، މުޅިރާއްޖޭގެ ދަތުރުފަތުރު ވެސް ހުއްޓުވާފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ވޯޓުން މަހުރޫމްވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށާއި، އީސީން މަސައްކަތް ކުރަމުންދަނީ ވަރަށް ޙައިރު ޒިންމާދާރު ކަންމަތީގައި ކަމަށް ޔާމީން ވިދާޅުވި އެވެ.