މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު އަދި ފެންނަ ނުފެންނަ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްދު ސޯލިހު ވޯޓުލައްވައިފި އެވެ.
އެ މަނިކުފާނު ވޯޓުލައްވާފައި ވަނީ ޅ. ހިންނަވަރު ވޯޓު ފޮށްޓަށެވެ. އެ ވޯޓު ފޮށި ބަހައްޓާފައި ވަނީ ޖަމާލުއްދީން ސްކޫލްގަ އެވެ. އެ މަނިކުފާނު ވަނީ ވީހާވެސް އަވަހަށް ނުކުމެ ވޯޓުލާ ވޯޓު ފޮށިތައް ފުރާލުމަށް އެދިވަޑައިގަންނަވާފަ އެވެ.
ވޯޓުލެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އިންތިޚާބުތައް އެއްކޮށްލުމާއި މެދު ނަގާ ވޯޓުގެ އިންތިޒާމްތައް އެންމެ ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ރޯދަމަސް ހިމެނޭހެން ފާއިތުވި 2 މަސް ދުވަހު ވަރަށް ބުރަ ކެމްޕެއިން އެއް ކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެ ކެމްޕެއިން ކުރީ ދަތިތަކާއި އެކުގައި ނަމަވެސް އެއީ ރަނގަޅު ކެމްޕެއިން އެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.