ފޯރިގަދަ ތިން އިންތިޚާބުގެ ވޯޓުލުން 8:00 ގައި ފަށަން ނިންމި ނަމަވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ނުފެށި ތަރުހީބު ކުޑަވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ކުރިއަށް ދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގަ އެވެ. ނަމަވެސް 9:15 ވީއިރު ވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިނުވެ އެވެ. 

ނަމަވެސް 9:30 ގައި ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެ އެވެ. އީސީން ބުނީ ވޯޓުލުން ލަސްވެގެން ދިޔައީ އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަނުގައި ކަމަށެވެ. 

ތިން އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާއިރު، ވޯޓުލާ 588 މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފަ އެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. 

އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެ އެވެ. ކޮންމެ ކަރުދާހެއް ވެސް ލާންޖެހޭނީ އެ އިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. 

މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ. އަދި ރިފެރެންޑަމް ވޯޓަށް 298,180 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެ އެވެ. 

މިއިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ.