ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިފަރެންޑަމް ވޯޓުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ދެއްކެވި ވާހަކަތައް ކުށްވެރި ކުރާކަމަށް އެމްޑީޕީގެ ފަރާތުން މި އިންތިހާބުތަކަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ވަހީދު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު އެއް ވަގުތެއްގައި ތިން ވޯޓެއް ބާއްވާއިރު، ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ލާން ބޭނުންވާ ވޯޓެއްގެ ކަރުދާސް އެކަނި ކަމަށް ވޯޓުލާން ކުޑަތަން ވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް  ޒާހިދު ވިދާޅުވުމާ ގުޅިގެންނެވެ. 

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަހީދު ވިދާޅުވީ، އިންތިހާބުތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެއްވެސް އިންތިހާބެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ވަހީދު ވަނީ މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އީސީއަށް ގޮވާލައްވާފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވަހީދު އިތުރަށް ވިދާޅުވީ، އިންތިހާބު އިއުލާނު ކުރީއްސުރެ އީސީގެ ފަރާތުން ވަކި އަތަކަށް ނަތީޖާ އަނބުރާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ސީދާ ގޮތެއްގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އިންތިހާބުގެ އިންސާފުވެރިކަމާ މެދު މިފަދަ އަމަލުތަކުގެ ސަބަބުން ސުވާލު އުފެދޭ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ހުކުރު ދުހަވުގެ ރޭ ފުލުހުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ، އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ.

އެކަމަކު، ވޯޓުލާން ދާ މީހާ، ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެގޮތަށް ހަދަނީ، ޒާހިދު ވިދާޅުވި ގޮތުގައި، ވޯޓު ލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވި ނަމަވެސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުންނެވެ. 

ހޮނިހިރު ދުވަހުގެ ވޯޓަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އީސީން މިފަދަ ނިންމުމެއް އިއުލާނު ކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ އީސީން މިފަދައިން އަމަލުކުރަން އުޅޭ ކަމަށް ބުނެ، މިއީ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.