ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކާ ދިމާކޮށް މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ އޭޕްރީލް 4 ވަނަ ދުވަހު ނަގާ ކައުންސިލް އިންތިޚާބާ، ޑަބްލިއުޑީސީ އިންތިޚާބު އަދި ރެފަރެންޑަމް އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ކަން މިއަދު ގިނަ ބަޔަކަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ނާޖާއިޒް ގޮތުގައި ކެމްޕެއިންގެ ބޭނުމަށް ފައިސާ ނަގާފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. 

ދައުލަތުގެ އެކިއެކި މުއައްސަސާތައް މެދުވެރިކޮށް ނާޒާއިޒު ގޮތުގައި ކެމްޕެއިނަށް ބޭނުންކުރަމުންދާތަން އެބަ ފެނޭ. މައިގަނޑު ގޮތެއްގައި ލާރި ހޯދުމަށްޓަކައި މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މިދިޔަ ހަފްތާގެ ތެރޭގައި ހުޅުމާލޭގައި ޕާކިންގް ސްލޮޓްތަކެއް އިއުލާނު ނުކޮށް ވިއްކާލި ކަމަށް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުގައި އޭގެ ތެރެއިން ނާޖާއިޒް ގޮތުގައި މި ކެމްޕެއިނަށް 90 މިލިއަން ރުފިޔާ ހޯދާފަ ވޭ. އަދި އެ ފައިސާ ރާއްޖޭގެ އެކި ރަށްތަކުގައި ދައުރު ކުރަމުން މި ދަނީ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް

އިންތިޚާބުތަކާ ދިމާކޮށް މި ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ބުނެ އެމްޑީޕީ އިން ތަކުރާރު ކޮށް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ޕާޓީ އިން ވަނީ އެކި ފަހަރު މަތިން އެ މައްސަލަތައް އޭސީސީ އާ ވެސް ހިއްސާ ކޮށްފަ އެވެ. 

އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާތީ އެކަމާ ގުޅިގެން އެމްޑީޕީ އިން ވަނީ  ބުދަ ދުވަހުގެ ހެނދުނު އޭސީސީ ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި މުޒާހަރާ ވެސް ކޮށްފަ އެވެ. 

 އެ ޕާޓީ އިން ބުނީ މުސާރަ ބޮޑުކޮށް، ޕްރޮމޯޝަންތައް ދިނުމާއި، ވަޒީފާތައް ބެހުމުގެ އިތުރުން ހައުސިން މަޝްރޫއުތަކުގެ ކުލި ކުޑަ ކުރަމުންދަނީ ސީދާ އިންތިޚާބާ ގުޅިގެން ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބަހަމުންދާއިރު، އޭސީސީ ކޯމާއެއްގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.