ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ.
ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް އިންތިޚާބުގައި، ވޯޓުލުމަށް ދަތުރު ކުރާ ބައެއް ފަރާތްތަކުން ޓިކެޓް ހޯދުމަށް ގުޅުމުން ފްލައިޓްތަކުގެ ޖާގަ އެއްކޮށް ފުރިފައިވާ ކަމަށް ބުނެ އާއްމުންނަށް މައުލޫމާތު ދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފްލައިޓްތަކާއި، ފެރީގެ ޖާގަ ވެސް ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ. އަދި ވަކި ކޮމިޓީ އަކުން އަންގާ ބަޔަކަށް ނޫނީ ދަތުރު ކުރުމަށް ފުރުސަތު ނުދޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"ކޮމިޓީގެ ތެރެއިން އެޕްރޫވް ކުރާ ބަޔަކަށް ނޫނީ ފްލައިޓްތަކުން ޖާގަ ނުދޭ. މިއީ އެއްވެސް ދުވަސްވަރެއްގައި ވޯޓާއި ދިމާކޮށް ކުރި ކަމެއް ނުން. މިއީ ވަރަށް ބައިވަރު ފައިސާ. ފަހު ވަގުތު ދައުލަތުގެ އެކި އެކި މުއައްސަސާތަށް މެދުވެރިކޮށް ވަރަށް ބައިވަރު ކަންތައްތަކެއް މި ކުރަނީ." ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް އެފަދައިން ވިދާޅުވެފައި ވާއިރު ޖާގަހޯދުމަށް ސަރުކާރަށް ނިސްބަތްވާ މީހުންނަށް ގުޅުމުން، އެ އިންތިޒާމްތައް ދަނީ ހަމަޖައްސާދެމުންނެވެ. ނަމަވެސް އެ ނޫން ގޮތަކަށް ދަތުރު ކުރުމަށް ފުރުސަތު ނުލިބޭ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. މިއީ ހަމަހަމަކަމާއި އެކު ވޯޓު ލުމުގެ ހައްގު ބޭނުން ކުރުމަށް ހުރަސް އެޅެން ކަމަށް އެތައް ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.
މިފަދަ ކަންބޮޑުވުންތައް ފެންމަތިވުމާއި އެކު ކަމާއި ގުޅުން ހުރި ފަރާތްތަކަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރަސްމީ އިދާރާތަކުން އިޖާބަދީ ވަކި އެއްޗެއް މިހާތަނަށް އައި އިރު ބުނެފަ އެއް ނުވެ އެވެ.