ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވީ އެކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. އެގޮތުން މިދިޔަ 3 މަސް ދުވަހު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ދިމާވިކަމަށް ރިޕޯޓް ކުރެވުނު އިރު، ޕެންޝަން ފަންޑަށް ފައިސާ ވެސް ޖަމާނުކުރާތާ އެތައް މަހެއް ވަނީ ވެފަ އެވެ. 

ފެބްރުއަރީ މަހުގެ މުސާރަ ވެސް މުވައްޒަފުންނަށް ޖަމާނުކޮށް ހުއްޓާ ހަބަރުތަކުގައި އެވާހަކަ ޖެހުމުން މުސާރަ ދީފައިވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު ހިސާބު އެވެ. 

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ވެމްކޯގެ ސީނިއަރ މުވައްޒަފަކު ބުނީ މިދިޔަ މާޗް މަހުގެ މުސާރަ ބުރާސްފަތި ދުވަހާ ހަމަށް ހުރީ ނުދީ ހިފަހައްޓާފައި ކަމަށެވެ. ނަމަވެސް ބައެއް މުވައްޒަފުންނަށް ބުރާސްފަތި ދުވަހުގެ ރޭ މުސާރަ ލިބިފައިވާ އިރު، އަދިވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާކޮށްފައި ނުވެ އެވެ. 

މިކަމާއި ގުޅިގެން ވެމްކޯގެ ރަސްމީބަހެއް ލިބޭގޮތް ނުވިއެވެ. މީގެ ކުރިން ވެސް ދިމާވި މުސާރައިގެ މައްސަލައިގައި ވެމްކޯއިން ޖަވާބެއް ނުދެ އެވެ. 

ވެމްކޯގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފަންޑަށް ފައިސާ ކެނޑުމަށް ފަހު އެފައިސާ ޖަމާނުކުރާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފަ އެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މަސް ނިމޭއިރު ވެސް މުސާރަ ނުދޭ މައްސަލަ ޑިސެމްބަރުން ފެށިގެން ފެންމަތިވަމުންދާއިރު މިކަމާ ގުޅިގެން މިހާތަނަށް ވެސް އެ ކުންފުނިން އެއްޗެށް ބުނެފައެއް ނުވެ އެވެ. ޑިސެމްބަރު މަހުގެ މުސާރަ ދީފައި ވަނީ ޖެނުއަރީ މަސް ފެށުނު ފަހުންނެވެ.

ޖެނުއަރީ މަހުގެ މުސާރަ ދީފައިވަނީ ފެބްރުއަރީ މަސް ފެށުނު ފަހުންނެވެ. ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މުސާރައިގެ އިތުރުން ރަމަޟާން މަހުގެ އިނާޔަތް ވެސް ވެމްކޯގެ މުވައްޒަފުންނަށް ދީފައިވަނީ ވެސް ޚަބަރުތަކުގައި ޖަހައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

އެގޮތުން ރޯދަ މަސް ފެށުނުއިރު ވެސް އިނާޔަތް ލިބޭނެ ސީދާ ތާރީޚެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އަންގާފައި ނުވާތީ، މުވައްޒަފުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި މައްސަލަ މީޑިއާގެ ސަމާލުކަށް އައިސް ޚަބަރުތަކަށް އަރައި، ސޯޝަލް މީޑިއާ ގައި އާންމުންގެ ފާޑުކިޔުންތައް ކުންފުންޏަށް އަމާޒުވާން ފެށުމާއެކު، އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ޖަމާކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގަ އެވެ.