އެމްޓީސީސީ ޓެކްސީލައިންގެ ޓެކްސީތައް ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ ކަން ހާމަވެއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުރާސްފަތި ދުވަހު އެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ 150 ކާރާއެކުގަ އެވެ. 

ޓެކްސީ ގަވާއިދުގައި ބުނާ ގޮތުން، ކާރު ޓެކްސީގެ މިންގަނޑުތަކަށް ބަލާ ނަމަ ގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދަކުން ޓެކްސީގެ ޚިދުމަތް ދިނުމަށްޓަކާ ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން އެ ގަވާއިދުގެ ޖަދުވަލު 1ގައިވާ މިންގަނޑާއި އެއްގޮތަށް އުޅަނދުގައި ޓެކްސީ މިގޮތަށް ލިޔެފައިވާ ބޯޑެއް ދިއްލޭ ގޮތަށް އުޅަނދުގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކުރަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާ އިރު އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ފެންނަ ގޮތަށް ޓެކްސީގެ ބިއްލޫރި ހުންނަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ޓެކްސީތަކުގެ ޑޭޝް ކެމެރާ ހަރުކޮށް ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި ކެމެރާ އިން ރެކޯޑް ކޮށްފައި ހުންނަންވާނެ ކަމަށާއި ކޮށްފައިވާ ރެކޯޑިން 7 ދުވަސް ވަންދެން ބަހައްޓަން ވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހަމައެހެންމެ އުޅަނދުގެ ކުރީ ސީޓަށާއި ފަހަތު ސީޓަށް އަރާ ފޭބޭގޮތަށް މަދުވެގެން 4 ދޮރުފަތް ހުރުމާއި އެކު ޖާގަ ތަނަވަސް ޑިކީ އެއް ހުރުމާއި، ޖަދުވަލު 2ގައިވާ ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކަރ އުޅަނދުގެ ވިންޑްސްކްރީންގައި ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެހެންނަމަވެސް އެމްޓީސީސީގެ ޓެކްސީތަކުގައި ޓެކްސީ ބޯޑު ހަރުކޮށްފަ އެއް ނުވެ އެވެ. އަދި ބައެއް ޓެކްސީތަކުގައި ހުރީ ދެ ދޮރުފަތެވެ. 

ބުރާސްފަތި ދުވަހު ޓެކްސީގެ ޚިދުމަތް ފެށި ނަމަވެސް ޓެކްސީ ނެގޭނީ ހޮޓްލައިން ނަންބަރު އެކަނި ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހޮޓްލައިން ނަމްބަރު  1655 ހުޅުވާލި ނަމަވެސް ހުކުރު ދުވަހުގެ ހެނދުނާއި ހަމައަށް އެ ނަމްބަރަށް ގުޅިފަ އެއް ނުވެ އެވެ.