ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފި އެވެ. 

ފުލުހުން ބުނީ، ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލަ 22 މާރިޗު 2026 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މާރިޗު 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް (40އ) ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.