މާދަމާ ވޯޓުލާ ގޮތަކުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ ކަމަށް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޖަމީލު ވިދާޅުވީ، ފެހި ގާނޫނުއަސާސީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ކަމަށާއި، އޭގެފަހުން މުހައްމަދު ނަޝީދު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ރާއްޖޭގެ ވެރިކަން ކުރެއްވި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅެއް ގާނޫނު އަސާސީން ސަލާމަތް ނުވެގެން ނޫޅުއްވާ ކަމަށް ޖަމީލު ވިދާޅުވި އެވެ. 

މީގެ އިތުރުން ޖަމީލު ވިދާޅުވީ މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ވޯޓުލާ ގޮތަކުން ރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އަދި ހައްގުތަކާއި ގާނޫނުއަސާސީ ސަލާމަތް ކުރުމަށްޓަކައި ރިފެރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަވަންވީ މާދަމާ ތިމަންނަމެން ވޯޓު ދޭ ގޮތަކުން ދެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ މިހާރު މިއޮތް ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ. އެހެންވީމަ ގާނޫނު އަސާސީ ސަލާމަތް ކުރަން ތެދެއް މިދަންނަވަނީ. ގާނޫނު އަސާސީ ސަލާމަތް ކުރަން އަޅުގަނޑުމެން މިގެނައި އިސްލާހު ރާއްޖެއަށް މިގެނައި ބަދަލު މި އެއްޗެހި ސަލާމަތް ކުރަން ބޭނުންވާ ކަމަށްވާނަމަ މާދަމާ ނުކުމެ ވަޑައިގެން ނުފެންނަ ގޮޅީގައި ހެޔޮ ފާހަގައެއް ޖައްސަވާ. 
ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

މީގެ އިތުރުން ޖަމީލު ވިދާޅުވީ ސަރުކާރުން ޖަހަން އުޅޭ ސަކަރާތަށް ޖާގަ ނުދިނުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ރިފެރެންޑަމް އިންތިޚާބަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށެވެ. ނަމަވެސް ރިފެރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ގައުމު އެތައް އަހަރަށް ފަހަތަށް ސޮއްސައިލައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޖަމީލު ވިދާޅުވީ ރިފެރެންޑަމް އަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށްވާނަމަ ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށާއި، މައްސަލަތަކަށް ހައްލު ހޯދާނެ ކަމަށެވެ.

އެހެންކަމުން ގައުމު އަނބުރާ ހޯދުމަށް އެންމެން އެކައްޗެއް ކިޔައި ރިފެރެންޑަމްއަށް ނޫނެކޭ ބުނުމަށް ޖަމީލް ގޮވާލެއްވި އެވެ.