ފާއިތުވި ހަފުތާގައި މާލެއާއި، ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނޭގޮތަށް ޖުމުލަ 56 އެކްސިޑެންޓެއް ހިނގައިފި އެވެ.

މިދިޔަ މާރިޗު މަހުގެ 22 އިން 28 އަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ، މާލެއާއި ބުރިޖު އަދި ހައިވޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭގައި އެކަނި ވެސް 49 އެކްސިޑެންޓް ހިނގާފައިވެ އެވެ. ފާއިތުވި ހަފުތާގެ ވަކިވަކި ދުވަސްތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައި ވަނީ މާރިޗު 25 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 13 އެކްސިޑެންޓް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރޭގައި ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓާއި ދެ ސައިކަލު ޖެހިގެން ހިނގާފައިވާ 14 އެކްސިޑެންޓް ހިމެނެ އެވެ. މީގެ ތެރޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ 7 މައްސަލައެއް ވެސް ހިމެނެ އެވެ. މި އެކްސިޑެންޓްތަކުގައި 56 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި ހިމެނޭ ބައެއް އުޅަނދުތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ފާއިތުވި ހަފްތާ ތެރޭގައި މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތައް.
މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، އެއްގަމު އުޅަނދު ދުއްވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.