ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ބްލޫ ރޭ” ރަސްމީކޮށް ފަށައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އެވެ.

އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި، އޯގާތެރިކަން އިސްކުރުމަށާއި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް އެދިލެއްވި އެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަމަށާ އަދި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ފެށި "އޮޕަރޭޝަން ބްލޫ ރޭ" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި ބްރީފިންގގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

މި ބްރީފިންގގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއެވެ. މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 2 އަށް ވަނީ ބަދަލުކޮށްފައެވެ.