ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިހާބުގައި ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. 

 ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ބުރާސްފަތި ދުވަހުގެރޭ އީސީން ހާމަކުރި ތަފާސްހިސާބުތަކުގައި ވަނީ ވަކިވަކި އިންތިހާބުތަކަށް ޗާޕްކުރި ވޯޓު ކަރުދާސްތަކުގެ އަދަދާއި، ދާއިރާތަކަށް ހާއްސަކުރި ކަރުދާސްތަކުގެ ތަފްސީލު ވެސް ހިމަނައިފަ އެވެ. މި ވޯޓު ކަރުދާސްތައް ޗާޕްކޮށްފައި ވަނީ ނޮވެލްޓީ އިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އީސީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް ޗާޕްކޮށްފައިވާ އިރު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް 298،180 ކަރުދާސް ޗާޕްކޮށްފައިވެ އެވެ.

އީސީން ބުނީ މި ތިން އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 588 މަރުކަޒު ގާއިމްކުރާނެ ކަމަށެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

ތިން އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށް ވަކިވަކިން ތިން ވޯޓު ކަރުދާސް ދިނުމަށް އީސީން ނިންމައިފައިވެ އެވެ. ކޮންމެ ވޯޓު ކަރުދާހެއްގެ ނުފުށުން އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ދާއިރާއެއްގެ މައުލޫމާތު ވެސް ވޯޓު ކަރުދާހުގެ ނުފުށުން އެނގޭނެ އެވެ.

ވޯޓު ކަރުދާސްތައް ވައްޓާލުމަށް ކުލަކުލައިގެ ފޮށިތައް ބޭނުންކުރުމަށް އީސީން ވަނީ ނިންމައިފަ އެވެ. ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އީސީން ބުންޏެވެ.

މި ތިން އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ދުވަހެއްގައި ތިން އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.