ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް، މިރްޒާ ޝިޔާމް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި އެވެ.
އޭނާ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާފައި ވަނީ ބުރާސްފަތި ދުވަހު އެމްޑީޕީ އިން ބޭއްވި މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.
މިރްޒާ އަށް އެމްޑީޕީ އަށް މަރުޙަބާ ދެންނެވުމަށް ފަހު ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޕީއެންސީގެ އިސް ފަރާތްތަކުން އެމްޑީޕީ އާއި ގުޅުމަކީ ވަރަށް ރަނގަޅު ފާލެއް ކަމަށެވެ. އެކަމުގެ ސަބަބުން ކައުންސިލް އިންތިޚާބަށް މަސައްކަތް ކުރާ އެމްޑީޕީގެ ޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"މި އެނގިގެން ދަނީ ޕީއެންސީގެ ނެތްކަން އެއްވެސް ވަރަކަށް ސިޔާސަތެއް. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނަށް ފެނިގެން ދާނީ މިފަދައިން އެމްޑީޕީ އިތުރަށް ވަރުގަދަވެ ގަދަވެގެން ދާތަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
މާލޭގެ މޭޔަރ އަދި މޭޔަރ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވީ މިރްޒާ އެމްޑީޕީ އާއި ގުޅުމަކީ މި ދަނޑިވަޅުގައި ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޕީއެންސީގެ އިސް އިތުރު ފަރާތްތަކުން އެމްޑީޕީ އާއި ގުޅެމުންދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
މިރްޒާ ރާއްޖެއެމްވީ އަށް ވިދާޅުވީ އެމްޑީޕީ އާއި ގުޅިވަޑައިގަތީ އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލުމަށް ނޫނެކޭ ބުނެ، ކުރިއަށް އޮތް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓުދިނުމަށް އާއްމުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގަންނަވާފަ އެވެ.