ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ ކަމަށާއި އެއީ 2028 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ކާމިޔާބުކުރެވެން އޮތް ހަމައެކަނި ގޮތަކީ އެކީ ކަމަށް އެމަނިކުފާނު ވެސް ހުދު ގަބޫލުކުރައްވާތީ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭނުގައި ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ސަރުކާރުން މިއަދު މިހާރު މިކުރާ ކަމަކީ ހީލަތްތެރިކަމާއެކީގައި މިބިލު ލީކަމުގައިވިޔަސް ފޮރުވިފައި އޮތީ މީގައި މުޅިން އެ މަޤްޞަދެއް ކަމަށެވެ. ޤާނޫނުއަސާސީގައި ލިޔެފައިވަނީ ވަރަށް ޞަރީޙަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވާންވާނީ ދިވެހިރާއްޖޭގައި ވޯޓުލާ އާބާދީގެ 51 ޕަސެންޓްގެ ތާއީދާއެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދޮންބިލެތް ވިދާޅުވީ މިއަދު ދެ އިންތިޚާބު އެއްކޮށް ބާއްވާ ވާހަކަ ދައްކަވަނީ ދެވަނަ ބުރެއް ނުބާއްވަން ކަމަށާއި، ޤާނޫނުއަސާސީއަށް އެބަދަލު އަދި ނުގެނައި ނަމަވެސް ސަރުކާރުގެ މިސްރާބު ހުރީ އެ ދިމާލަށް ކަމަށެވެ. 

އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ ލިޔެފައި ވަރަށް ޞަރީޙަކޮށް އެބައޮވޭ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވާންވާނީ ދިވެހިރާއްޖޭގައި ވޯޓުލާ އާބާދީގެ 51 ޕަސެންޓްގެ ތާއީދާ އެކީގައި. މިއަދު މި އިންތިޚާބު، ދެ އިންތިޚާބު އެއްކޮށް އެ ބާއްވާ ވާހަކަ، އެއްކޮށްލާ ވާހަކަ އެ ދައްކަވަނީ، ދެވަނަ ބުރެއް، ޤާނޫނުއަސާސީއަކަށް އަދި އެ ބަދަލެއް ނުވެސް އާދޭ. މި ބިލަކުން ވެސް އެ ބަދަލެއް ނާދޭ. ހަމަ ދެވަރުބުނެ އޮންނަންޖެހޭނެ 51 ޕަސެންޓް ނުލިބޭ ކަމަށް ވަންޏާ. ބައްލަވާ! ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ ނިމިފައި ފުރަތަމަ ބުރުގަ. ދެން ދެވަނަ ބުރެއް އަންނައިރުގައި އެ ވިދާޅުވާ ޚަރަދެއް ވެސް ކުޑައެއް ނުވާނެ. އަނެއްކާ އަނެއް އިންތިޚާބު ބާއްވަން ވިހި ދުވަސް ނޫނީ ފަނަރަ ދުވަސް ޤާނޫނުއަސާސީގައި އެބަ ބުނޭ، މިވެނި މުއްދަތެއްގައި ދެވަނަ ބުރެއް އޮންނަންޖެހޭނެ. އެ ދެވަނަ ބުރު ބާއްވާއިރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ ނިމިފަ. އެހެންވީމާ، އެ ބުނާ ޗެކް އެންޑް ބެލެންސްއަށް އެ ބުނާ ގޮތަށް އެކަން އެބަ ކުރެވޭތޯ.
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) 

ދޮންބިލެތް ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފެންނަ ނުފެންނަ ވޯޓު ފާސްވުމާ ގުޅިގެން އަދި ވަރަށް ބައިވަރު ބަދަލު އެބަ ގެންނަންޖެހޭ ކަމަށާއި އެވިދާޅުވާ ބަދަލަކީ 51 ޕަސެންޓް އެއް ދިވެހިރާއްޖޭގެ ވެރިކަމަކަށް ބޭނުމެއް ނުވާ ވާހަކަ ކަމަށެވެ. ދެން ބޭނުންވާނީ އެންމެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު މީހަކު އެ އިންތިޚާބު މޮޅުވީ ކަމަށް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ ނަތީޖާއަކަށްވާނީ 100 މީހުން ވޯޓުލައިފިއްޔާ 70 މީހުންނަށް ނުފެންނަ ރައީސަކު ހުންނާނެ ކަމަށާއި ތިރީސް މީހުންނަށް ފެނުނު ރައީސަކު ހުންނާނެ ކަމަށެވެ. އޭގެ މާނައަކީ ރާއްޖޭގެ ބޮޑު އަގުލަބިއްޔަތެއް ވަރަށް ކުޑަކުޑަ މީސްކޮޅަކަށް ގަބޫލުކުރެވޭ ރައީސެއް ދެން މިރާއްޖޭގައި ހުންނަން ފަށާނެ ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

 ވަރަށް ކުޑަކުޑަ މީސްކޮޅަކަށް ގަބޫލުކުރެވޭ ރައީސެއް ދެން މި ރާއްޖޭގައި ހުންނަން ފަށާނެ. އެއީ، މިހާތަނަށް އައިއިރުގައި އަޅުގަނޑުމެންނަށް މި ފެނުނު ކޮންމެ އިންތިޚާބެއް ހަމަ ނިމިގެންދިޔައީ ދެވަނަ ބުރެއް އޮވެގެން. ހަމައެކަނި ރައީސް ޞާލިޙާއި ރައީސް ޔާމީނުގެ ދެ ފަރާތުން އެކަނި ކުރިމަތިލީ ބުރު ފިޔަވައި އެހެން ހުރިހާ ބުރެއްގައި ދެވަނަ ބުރަކަށް ދާންޖެހުނު. އެހެންވީމާ، މީގެން އަންނާނެ ބަދަލަކީ، ދެން ބަދަލުކުރަންޖެހޭނީ އެންމެ ގިނަ ވޯޓު ލިބޭ މީހެއް. އެހެންވީމާ، ރައީސް މުޢިއްޒަށް ދެކެވަޑައިގަންނަވަނީ، ކޮންމެ 100 އިން 70 މީހުން މިހާރު ރައީސް މުޢިއްޒަށް 2028 އަށް ތާއީދުނުކުރާނެކަން. އެ މަނިކުފާނު ޚުދު ހަމަ ސީދާ ހިތުގައި އަޑިން ގަބޫލުކުރައްވައިފި. މިއަދުގެ ނަތީޖާއަކީ އެއީ. ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާ، ދެން ދުވަހަކުވެސް މި ރާއްޖޭގައި އަޣުލަބިއްޔަތެއް ރައީސް މުޢިއްޒަކަށް ނުލިބޭނެކަން. އެކަން ނިންމަވައިފި. މަނިކުފާނު ހިތުގައި އަޑިން ގަބޫލުކޮށްފި. އެހެންވީމާ، މި ގާނޫނުތަކާ ކުޅެން އެ ވިދާޅުވަނީ.
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) 

ދޮންބިލެތް ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ރައީސް މުއިއްޒު ބޭނުންވާނަމަ ދައުރުވެސް ދިގުދައްމާލެވިދާނެ ކަމަށެވެ. ގާނޫނީ މާހިރުން އެވިދާޅުވަނީ ތެދެއް ކަމަށާއި ވިހި އަހަރަށް ވެރިކަމުގެ ދައުރު ދަންމާލުމުގެ ފުރުޞަތު މިބަދަލާއެކީގައި އެބައޮތް ކަމަށް ދޮންބިލެތް ވިދާޅުވި އެވެ.

ދޮންބިލެތް ވިދާޅުވީ ސަރުކާރުން ބުނާހާ ގޮތަކަށް ކޮންމެ ކޮމިޝަނަރެއް ހުންނެވިޔަސް ހައްދައިވައިގެން ނުވާނެ ކަމަށާއި، މިހާރުވެސް އިލެކްޝަނުން ފެންނަ ނުފެންނަ ވޯޓުގައި ވެސް މުޅިން ވެސް މަޢުލޫމާތު ދެނީ، މި ވޯޓަކީ ފާސްވާނެ އެއްޗެއްކަމަށް ދޭހަވާ ގޮތަކަށް ކަމަށެވެ.