އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކާ ދިމާކޮށް އުސޫލުން ބޭރުން ހުޅުމާލެއިން 600 އަށް ގިނަ ޕާކިން ޖާގަ ވިއްކާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެއިން 600ށް ވުރެވުރެ ގިނަ ޕާކިން ޖާގަތައް ވިއްކާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ މަގުމަތިން ޕާކިން ޖާގަ ވިއްކި އުސޫލުން ގަވާއިދާ ހިލާފަށެވެ. އަދި  ޕާކިންގެ ޖާގައަކަށް 35,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ނަގާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ހުޅުމާލޭގެ އަށް ސަރަހައްދަކުން ޕާކިން އަށް ޖާގަތައް ވިއްކަމުންދަނީ އިންތިޚާބަށް ފައިސާ ހޯދުމަށް ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

މިމިމަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފްރެންޑަމް އިންތިޚާބު ކާމިޔާބު ކުރުމަށް މިސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ވަޒީފާތަކަށް މީހުން ނެގުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރަ ވެސް ދަނީ ބޮޑު ކުރަމުންނެވެ. އެގޮތުން އެޗްޑީސީއަށް އެކަނި ވެސް މިފަހުން 400 އަށްވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވާއިރު، 1000 ހަކަށް ވުރެ ގިނަ މީހުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.