މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް'' ކަމަށާއި، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލައި ސަރުކާރު ބަލި ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ޝިފާޒު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅާ ސަރުކާރެއް ކަމަށާއި، އެ ފިކުރުގެ މީހުންނަށް މިގައުމުގެ ނިޒާމު ކަމު ނުދާނެ ކަމަށެވެ. އަދި މިނިޒާމު ބަދަލު ކުރުމަށްޓަކައި އެކިގޮތްގޮތަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ތިން އިންތިޚާބަށް އިޝާރާތް ކުރައްވައި ޝިފާޒު ވިދާޅުވީ މިފަހަރު އިންތިޚާބުގެ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ފުރުސަތު ލިބުނު ނަމަވެސް އެއީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ނޫން ކަަމަށެވެ.

ޝިފާޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވެސް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެގޮތުން ގިނަ ބަޔަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށްޓަކައި ރިސޯޓުތަކާއި، ސިނާއީ މަސައްކަތް ކުރާ ރަށްތަކުގެ އިތުރުން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތިބޭފުޅުން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ވޯޓުލާން ތައްޔާރުވާ އިންތިޚާބަކީ އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާ ވާހަކައެއް ފްރީ އެންޑް ފެއަރ އިލެކްޝަނެއް ނޫން. އިންސާފުވެރި މިނިވަން އިންތިޚާބެއް ނޫން. މިނިވަން އިންތިޚާބެއް ކަމަށް ފަހަރެއްގައި ބުނުމުގެ ޖާގައެއް އެބައޮތް ކޮންމެވެސް މިންވަރަކަށް. އަދިވެސް ތިބޭފުޅުން އަމިއްލައަށް ފާހަގަ ޖަހަން ފުރުސަތު ލިބޭތީ. އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް މިދަންނަވާ ވާހަކައަކީ އިންތިޚާބެއްގެ އެންމެ ބޮޑު ބޭނުމަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް އެ ރައްޔިތުން ބަސް ބުނުމުގެ މަގު ތަނަވަސްކޮށްދިނުން. މި 18 އަހަރުގެ ތެރޭގައި މި ނޫން އިންތިޚާބެއް ނާދޭ އަޅުގަނޑުމެންގެ ރައްޔިތުންނަށް އެ ރައްޔިތުން ބަސް ބުނަން މިހާ ޖާގަ ހަނި ކުރި ފަހަރެއް.

މީގެ އިތުރުން ޝިފާޒު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބުތަކަކަށް ނުވި ނަމަވެސް މުޅި ރާއްޖޭގައި އޮތް ވައިބްއަކީ ހާލަތު ބަދަލު ކުރުމަށް އޮތް ވައިބެއް ކަމަށާއި، ހއ. އަތޮޅުން އައްޑޫ ސިޓީއާ ދޭތެރެއިން ފެންނަމުން ދަނީ އެ މަންޒަރު ކަމަށެވެ. 

އެހެންކަމުން ހާލަތު ބަދަލު ކުރުމަށް ހުރިހާ ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް ވޯޓު ލުމަށް އޭނާ ގޮވާލެއްވި އެވެ.