އަދުލު އިންސާފު
ގާއިމުކުރުމުގެ ބަދަލުގައި، ޝަރުއީ ދާއިރާއިން ފެންނަމުންދަނީ ސަރުކާރަށް މަގުފަހިކޮށްދޭ
މަންޒަރުކަމަށް ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ގިނަ ޖަމިއްޔާތަކަކުން އެއްވެ ހަދާފައިވާ
ކޯލިޝަނެއްކަމަށްވާ "ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް" (އާރްސީޖީ)
އިން ބުނެފިއެވެ.

އާރްސީޖީއިން
އެހެން ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމުގައިވާ
އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އާއި ސޭވް މޯލްޑިވްސްގެ
އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، މެންޓަލް ހެލްތް ސަޕޯޓް ގްރޫޕް އަދި
ޒީރޯ ވޭސްޓް މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

އެ
ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ
ބަދަލުގައި، ޝަރުއީ ދާއިރާއިން ސަރުކާރަށް މަގުފަހިކޮށްދޭ މަންޒަރު ފެންނަކަމުގެ
ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިންތިޚާބީ މައްސަލަތައް އަވަސްކުރަން ޖެހޭއިރު،
އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުވެރި އަޑުއެހުމެއް ބާއްވައި، ހައްލެއް
ހޯދައިދިނުމުގެ ގާނޫނީ ޒިންމާ ކޯޓުތަކުން އަދާކުރަމުންދާ ކަމަކަށް ޤަބޫލު
ނުކުރެވޭކަމަށް އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އާރްޖީސީން
ފާހަގަ ކުރާ ގޮތުގައި މިހާތަނަށް ސިވިލް ކޯޓުން ވަނީ އިދާރީ މައްސަލަތަކެއް ދައްކައި
މައްސަލައެއް ބޭރުކޮށްލާފައެވެ. އަދި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ އެހެން މައްސަލައެއް
ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

ހަމަ އެއާއެކު،
އެހެން މައްސަލައެއްގައި ފުރަތަމަ އަޑުއެހުމަށް ފަހު ވަނީ މައްސަލަ ހުށަހެޅި ފަރާތާ
ދެކޮޅަށް ހުކުމްކޮށްފައެވެ. ހައިކޯޓަށް ހުށަހެޅި ހަތަރުވަނަ މައްސަލައެއް ރެޖިސްޓްރީ
ކުރުމުގެ މަރުހަލާގައި އޮތްއިރު، ބޭރުކޮށްލި މައްސަލަތައް އިސްތިއުނާފު ކުރުމުގެ ހައްގު
އެ ފަރާތްތަކަށް ލިބިގެންވާކަން ފާހަގަކޮށްފައިވެއެވެ.  

އާރްޖީސީން
ދެކޭ ގޮތުގައި މިހާ ގިނަ މައްސަލަތަކެއް ހުށަހެޅިފައި ހުރުމުން، ރެފަރެންޑަމްގައި އަހާ
ސުވާލާއި އަމަލުކުރާ އިޖުރާއަތްތަކުގެ ގާނޫނީ ސައްހަކަމާ މެދު ސީރިއަސް ސުވާލުތަކެއް
އުފެދެއެވެ. ރެފަރެންޑަމާ ގުޅޭ އިންތިޚާބީ މައްސަލަތައް ބަލާނެ ޚާއްޞަ ޝަރުއީ ނިޒާމެއް
ނެތްއިރު، ހުރިހާ މަރުހަލާއެއްގައި ވެސް އަދުލުވެރި އިޖުރާއަތްތައް ކަށަވަރުކުރުމަކީ
ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ
އިތުރުން، ގޮނޑި ގެއްލޭ އިސްލާޙުގެ މައްސަލަ ހުށަހެޅުނު ހިސާބުން ސުވާލު އުފެދޭ ފަދަ
ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާކަން ވެސް
އެ ޖަމިއްޔާތަކުން ވަނީ ނުހަނު ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ. އަދި އެ ބަދަލަށް ފަހު،
ސުޕްރީމް ކޯޓުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު ކުޑަވެ، ބައެއް މައްސަލަތަކުގައި
އެންމެ އަޑުއެހުމަކުން ހުކުމްކޮށް، އަނެއްބައި މައްސަލަތައް ރެޖިސްޓްރާ މެދުވެރިކޮށް
ބޭރުކޮށްލަމުންދާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

 މީގެ ސަބަބުން އިންސާފު ހޯދުމަށް ހުރަސްއެޅި، ސަރުކާރުން
ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާ ކަމަށާއި، ކޯޓުތަކުން ހުކުމް
ކުރުމުގައި ލަސްވުމާއި، އިންސާފަށް ހުރަސްއެޅޭ ގޮތަށް ކުރާ ހުކުމްތަކަށް ގާނޫނީ ދާއިރާއާއި
އާންމުންގެ ފާޑުކިޔުން އިތުރު ވަމުންދާ ކަމަށް ވެސް އާރްޖީސީން ބުނެފައިވެއެވެ.