ރެފަރެންޑަމް އާ ގުޅިގެން ހެޔޮވެރިކަމުގެ އުސޫލުތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި، ގާނޫނުއަސާސީގެ
އިތުބާރު ހިފެހެއްޓުމާ ގުޅޭގޮތުން ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް
ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ގިނަ ޖަމިއްޔާތަތަކުން އެއްވެ ހަދާފައިވާ ކޯލިޝަނެއްކަމަށްވާ
"ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް" (އާރްސީޖީ) އިން ބުނެފިއެވެ.
އާރްސީޖީއިން
އެހެން ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްކަމަށްވާ
އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އިން މޯލްޑިވްސް (އޭޑީއެމް) އާއި ސޭވް މޯލްޑިވްސްގެ
އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، މެންޓަލް ހެލްތް ސަޕޯޓް ގްރޫޕް އަދި
ޒީރޯ ވޭސްޓް މޯލްޑިވްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.
އެ
ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭޕްރިލް 4 ވަނަ ދުވަހު
ނަގާ ރެފަރެންޑަމް ވޯޓަކީ 2007 ވަނަ އަހަރަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ
ފެންނަ ނުފެންނަ ވޯޓު ކަމަށާއި، އަދި މިއީ "އާންމު ފެންނަ ނުފެންނަ ވޯޓުގެ ގާނޫނު"
(ގާނޫނު ނަންބަރު 15/2025) ގެ ދަށުން ބާއްވާ މިފަދަ ފުރަތަމަ ވޯޓު ކަމަށެވެ.
އެހެންނަމަވެސް،
ދައުލަތުގެ ކަންކަން ހިންގުމުގައި އިޖުރާއަތްތަކަށް ބޯ ނުލެނބުމާއި، ރައްޔިތުންގެ މާނަވީ
ބައިވެރިވުން ނެތުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ މި
މަސައްކަތުގެ ސައްހަކަމާމެދު ސީދާ ސުވާލު އުފެދޭތީ "ރާއްޖެ ކޯލިޝަން ފޯ ގުޑް ގަވަރނަންސް"
(އާރު.ސީ.ޖީ) އިން ނުހަނު ކަންބޮޑުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
މީގެ
އިތުރުން، މި ރެފަރެންޑަމާ ގުޅިގެން ހެޔޮވެރިކަމުގެ އުސޫލުތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި،
ގާނޫނުއަސާސީގެ އިތުބާރު ހިފެހެއްޓުމާ ގުޅޭގޮތުން ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާކަން ވެސް
އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ހިމެނޭހެން ގާނޫނީ ވަކީލުންނާއި، މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުން ވެސް ދަނީ ފާޅުކުރަމުންނެވެ. އަދި މި ވޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސިވިލް ކޯޓާއި، ހައިކޯޓާއި، ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައިގައި އަދި ވަނީ ގޮތެއް ނުނިންމައެވެ.އާރްޖީސީގެ ބަޔާން
މި ރެފަރެންޑަމްގައި
ރައްޔިތުން ގާތު އަހަނީ ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހު ގަބޫލުކުރަންތޯ ނުވަތަ
ނޫންތޯއެވެ. މި އިސްލާހުގައި ތަފާތު ދެ ބަދަލެއް އެކުލެވިގެންވެއެވެ. އެއީ ރިޔާސީ އިންތިޚާބާއި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާއި، މަޖިލީހުގެ ދައުރަށް ބަދަލު
ގެނައުމެވެ.
މި ބަދަލުގެ
ސަބަބުން މިހާރު އިންތިޚާބުކޮށްފައިވާ މަޖިލިސް މެންބަރުންގެ ދައުރު 30 ނޮވެމްބަރު
2028 ގައި ހަމަވެ، ދައުރު ކުރުވާނެއެވެ. އާރްޖީސީން ފާހަގަ ކުރާ ގޮތުގައި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ގެނައި 8 އިސްލާހަކީ ވެސް، ގާނޫނުއަސާސީގައި
ބަޔާންކުރާ ފަދަ ފުރިހަމަ އިޖުރާއަތްތަކެއް ފުރިހަމަނުކޮށް ގެނެސްފައިވާ އިސްލާހުތަކެކެވެ.
އެގޮތުން، އިސްލާހުތައް ހުށަހެޅުމާއި ބިލުތައް ފާސްކުރުމުގެ އެކި މަރުހަލާތަކުގައި
ރައްޔިތުންގެ މާނަވީ މަޝްވަރާ ހޯދުމަށް މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި
ނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
ޚާއްޞަކޮށް،
ގާނޫނުއަސާސީގެ 8 ވަނަ އިސްލާހު މަޖިލީހަށް ހުށަހެޅީ މަޖިލިސް ޗުއްޓީގައި އޮއްވައި
ބޭއްވި ކުއްލި ޖަލްސާއެއްގައި ކަމަށާއި، މި ޖަލްސާގެ ނޯޓިސް ދީފައި ވަނީ 24 ގަޑި އިރަށް ވުރެ ވެސް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ނެވެ. އަދި މުޅި ބިލުގެ ބަހުސަށް ހޭދަކުރީ ތިން ގަޑިއިރަށްވުރެ
ކުރު ވަގުތެއްކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު،
މި ރެފަރެންޑަމާ ގުޅިގެން ހުރި އޮނިގަނޑު އަދި ނިޒާމީ ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވޭއިރު،
މީގެ ސަބަބުން މި ވޯޓުގެ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަން ވެސް އާރްޖީސީގެ
ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އާންމު ފެންނަ
ނުފެންނަ ވޯޓުގެ ގާނޫނުގެ 19 ވަނަ މާއްދާގައި ބުނަނީ، ވޯޓު ނަގާނެކަން އިޢުލާނު ކުރުމާއި
ވޯޓުލުމާ ދެމެދު 45 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއް އޮންނަންވާނެ ކަމަށެވެ.
ނަމަވެސް، ގައުމީ ފެންވަރުގެ މުހިންމު ކަމެއްގައި ރައްޔިތުން ހޭލުންތެރިކުރުވައި، މާނަވީ
މަޝްވަރާކޮށް، ބަހުސްކުރުމަށް މި މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބަޔާނުގައި
ބުނެފައިވެއެވެ.
މީގެ
އިތުރުން، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން، މި ވޯޓުގެ ސަބަބުން ނުކުމެދާނެ
ނަތީޖާއާއި، އޭގެ ނުރައްކަލާއި ފައިދާތަކާ ގުޅޭގޮތުން ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު
ލިބޭނެކަން ކަށަވަރު ނުކުރެވޭކަމުގެ ކަންބޮޑުވުން ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޚާއްޞަކޮށް، ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ
ގަރާރަކުން ވޯޓަށް އަހާއިރު، ރައްޔިތުންނަށް ދޭ މައުލޫމާތު ކަރުދާހުގައި ހިމަނަން ޖެހެނީ
ހަމައެކަނި އެ އިސްލާހަކަށް ތާއީދުކުރާ އުޒުރުތައް އެކަނި ނޫން ކަމަށާއި، އިދިކޮޅު ޚިޔާލުތައް ނުހިމަނައި،
ހަމައެކަނި އެއްކޮޅުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ، ރައްޔިތުން ހޭލުންތެރިވެ ތިބެ ގޮތް ނިންމުމަށް ހުރަސްއެޅޭ، އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ ޚިލާފު
ކަމެއްކަމަށް ވެސް އާރްޖީސީން ދެކެއެވެ.
މި ކޯލިޝަންގައި
ހިމެނޭ މަދަނީ ޖަމިއްޔާތަކުން މީގެ ކުރިންވެސް ވަނީ މި ކަންބޮޑުވުންތައް ރައްޔިތުންގެ
މަޖިލީހާ ހިއްސާކޮށްފައެވެ. ނަމަވެސް، އެ ހުށަހެޅުންތަކައް އަމަލުކޮށްފައި ނުވާކަން
ފާހަގަކޮށް އެ ޖަމިއްޔާތަކުން ބުނީ، މިހާރު މުޅި ރެފަރެންޑަމްގެ ސައްހަކަން ގެއްލެން
މެދުވެރިވެފައިވާ ކަމަށެވެ.