ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިޚާބުތަކާ ގުޅުވައި، މުޅި ދައުލަތް ހުސް ކުރަމުން މިދަނީ އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި މެންބަރު ޝަމްހީދު ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ތިން އިންތިޚާބާ ގުޅިގެން އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ސަރުކާރުން އަދި ބޭނުންވާހާ ގޮތަށް ނަތީޖާ ނުނެރެވޭނެކަން ހާމަވެފައިވާ ކަމަށެވެ. 

އެހެންކަމުން މި ސަރުކާރު ފަހު ވަގުތު ތެޅިގަނެގެން މުޅި ދައުލަތް ހުސް ކުރަމުންދާ ކަމަށާއި، ވަޒީފާތައް ބަހަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ކޮރަޕްޝަންގެ ހަޑި އަމަލުތައް ވެސް ފާޅުގައި ހިންގަމުންދާ ކަމަށެވެ.

ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކިތަންމެ ވަރަށް ރައްޔިތުންނަށް ލުއިތައް ދިން ނަމަވެސް މި އިންތިޚާބުތަކަށް ފަހު ހަގީގީ މަންޒަރު ފެންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވަރަށް ގިނަ ގޮތްގޮތުން ދަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަ ވެސް އަޅުގަނޑު ބުނެލަން އޮތީ މިއިންތިޚާބުގެ ފަހުންނޭ ހަގީގަތުގައި ރައްޔިތުން ތިބި ހާލު އެނގޭނީ. ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމެޓީގައި އަޅުގަނޑުމެންގެ ޗެއަރ ގަފޫރާއި އަޅުގަނޑާ ތިބެން. އަޅުގަނޑުމެންނަށް އެނގޭ މިގައުމު އޮތް ހާލު. އެޗްޑީސީން އެކަނި މިދިޔަ އަހަރު އެޗްޑީސީ ދެކޮޅު ޖައްސަން ބަޖެޓުން ބޭރުން އެއްބިލިއަން ރުފިޔާ ދޭން ޖެހުނު. މިއީ ތިބޭފުޅުންގެ ޒަރޫރީ ބޭނުންތަކަށް ހުރި ފައިސާ. އެ ފައިސާތައް ނެގީމަ ހަގީގަތުގައި ބޭހާއި ދެން ވެސް މިއަދު އެ ލިބެން ޖެހޭ ޒަރޫރީ ތަކެތި ނުލިބިގެން މިއުޅެނީ. މިހާރު އެނަގާ މުވައްޒަފުން ނަގައި ނިމޭއިރު އަޅުގަނޑަށް ހީވަނީ ހިޔާ ފްލެޓުތަކަށް އެ ދިން ޑިސްކައުންޓްތަކާ އެއްކޮށް ބަޖެޓުން ދެ ބިލިއަން ދީގެން ވެސް އެޗްޑީސީ ހިންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. 
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ މާލީ ގޮތުން ވަރަށް ބަނަ ދުވަސްތަކެއް ކަމަށާއި، މިހުރިހާ ކަމަކަށް ރިޔާއަތް ކުރުމަށް ފަހު މިސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން، ނިކަމެތި ކޮށްލުމަށްޓަކައި ނަގާ ރިފެރެންޑަމް އަށް ނޫނެކޭ ބުނެ ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.