އިންތިޚާބުތަކާ ދިމާކޮށް ކުއްލިއަކަށް އެކިއެކި
އިދާރާތަކުގެ މުސާރަ ބޮޑުވުމަކީ އިއްތިފާޤެއްކަމަށް ނުދެންނެވޭނެކަމަށް ކުރީގެ
އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ޑރ ދިދީ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދައްކާ އެއް ސަބަބަކީ
އެކަމުގެ ސަބަބުން ބާރުތައް ވަކި ކުރެވި، މަޖިލީހަށް ސަރުކާރު ޖަވާބުދާރީ
ކުރުވުމުގެ ފުރުސަތު ފުޅާކޮށް ލިބޭނެކަމަށް ބުނާ ބުނުން ކަމަށެވެ.

އެހެންނަމަވެސް ކަން އޮތީ އެހެނެއް ނޫންކަން ފާހަގަ
ކުރައްވައި ޑރ ދީދީ ވިދާޅުވީ، އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ވެސް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. 

ރާއްޖޭގައި މި އޮތް އިންތިޚާބީ ނިޒާމުގެ ތެރެއިން އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރާނެ ފެއަރކަން ކަށަވަރު ކުރާނެ ގޮތަށް ޤާނޫނުތައް ހެދިފައެއް ނެތް، އެ ފެންވަރަށް އިންތިޚާބުތަކާ ގުޅޭ ޤާނޫނުތައް ނެތީސް އެ ވިދާޅުވާ ގޮތަށް އެކަންކަމެއް ނުދާނެ
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ 

ޑރ ދީދީ ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް
ކުއްލިއަކަށް އެކިއެކި އިދާރާތަކުގެ މުސާރަ ބޮޑުވެފައިވާ ކަމަށާއި، އެކިއެކި
މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށްވެސް ބަދަލުތައް އައިސްފައިވާ
ކަމަށެވެ. އަދި ވިދާޅުވީ، ކުއްލިއަކަށް މި އައި ބަދަލުތަކަކީ އިއްތިފާޤެއްކަމަށް
ނުދެންނެވޭނެ ކަމަށެވެ.

މި މީހުންގެ މުސާރަތައް ބޮޑުނުކޮށްގެން މުސާރައިގެ ވާހަކަތައް ދައްކާތާ އެތައް އަހަރެއް، ބޮޑުނުކޮށް އުޅެފަ ކުއްލިއަކަށް މިއީ ހަމަ އިއްތިފާޤެއްތޯ، އަޅުގަނޑަކަށް ނުދެންނެވޭނެ މިއީ އިއްތިފާޤެއް ކަމަކަށް، މިއީ އިއްތިފާޤެއް ނޫން.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ 

އެހެންކަމުން ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި
ނަޒާހަތްތެރި އިންތިޚާބަކަށް މަގުފަހިވާނެ ޤާނޫނުތައް ހެދިފައި ހުންނަންޖެހޭ
ކަމަށާއި، އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމާ ގުޅޭ
ހަމަތަކަކާއި ހަރުދަނާ އުސޫލުތަކެއް ހުންނަން ޖެހޭކަމަށް ޑރ ދީދީ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް މަލްޓި ޕާޓީ ސިސްޓަމް
ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާކޮށް ހިންގުމުގެ
މުހިންމުކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީތަކާއެކު
ހެޔޮވެރިކަމެއް ކުރާ ޑިމޮކްރެޓިކް ސިސްޓަމެއް ބީވެގެން ދިޔަދީގެން ނުވާނެ
ކަމަށެވެ. އެ ނިޒާމު ރައްކާތެރިކުރުމަށްޓަކައި މި ވޯޓުގައި "ނޫނެކޭ" ބުނުން
ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ރައްޔިތުންނަށް
އިލްތިމާސްކުރައްވާފަ އެވެ.