ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަަމަށާއި، މިހާތަނަށް އެއްވެސް މައްސަލައަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އޭސީސީއަށް ހުށަހަޅާ މައްސަލަތައް ނުބަލާތީ އެމްޑީޕީން އެ ކޮމިޝަން ދޮށަށް އެއްވެ، ކޮމިޝަނުގެ ރައީސް އަހުމަދު ޝާމިލުގެ އިސްތިއުފާއަށް ވަނީ ގޮވާލާފަ އެވެ. އެތަނުގައި ހުންނަވައި ރާއްޖެއެމްވީ އަށް މާޒް ސަލީމް ވިދާޅުވީ، މިސަރުކާރުގައި ހުރިހާ މިނިވަން މުއައްސަސާއެއް އޮތީ ކޯމާއެއްގައި ކަމަށާއި، މުޅި ގައުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިންގި ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށެވެ.
މިހާތަނަށް މިސަރުކާރުގެ ކޮރަޕްޝަންގެ 22 މައްސަލަ އޭސީސީ އަށް ރަސްމީކޮށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، ރަސްމީކޮށް މައްސަލަ ހުށަހެޅި ނަމަވެސް އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމެއް ނުވަތަ އެ މައްސަލަތަކުގެ އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާ ކަމަށެވެ.
މީގެ އިތުރުން މާޒް ސަލީމް ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ، މިމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަށް އޮޅުވާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) ވެސް އޮތީ ތައްޔާރަށް ކަމަށެވެ.
މިހުރިހާ މައްސަލައެއް ހުށަހެޅީމަ މިހުރިހާ ފަރާތްތަކުން މި ތިބެނީ އަމާންދީގެން އަޅާނުލާ މިތިބެނީ އަޅުގަނޑުމެން ގަބޫލުކުރަނީ ދިވެހި ރައްޔިތުން ވެސް ގަބޫލުކުރަނީ އިލެކްޝަން ކޮމިޝަން މިއޮތީ މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު އޮޅުވާލައި، ވޯޓަށް ނުފޫޒު ފޯރުވައި މިކަންކަން ކޮށްދިނުމަށްޓަކައި އިލެކްޝަން ކޮމިޝަން މިއަދު އަތުކުރި އޮޅާލައިގެން އޮތީ. ހަމައެއާއެކު އޭސީސީން ވެސް އެގޮތަށް އޮތީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މިއިންތިޚާބުގެ ނަތީޖާ އަޅުގަނޑުމެންގެ ކޮޅަށް ނުކުތަސް ރައްޔިތުން ބޭނުންވާ ގޮތަށް ނުކުތް ކަމުގައި ވީ ނަމަވެސް މިއިންތިޚާބު އޮޅުވާލައި ސިފައިންނާ ފުލުހުން ނެރިގެން މަގުތަކަށް ނެރިގެން މިކަން ކުރާނޭ އަޅުގަނޑު ދަންނަވާނީ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)
މާޒް ސަލީމް ވިދާޅުވީ ޒަމާން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، މިހާރު އިންތިޚާބުގެ ނަތީޖާ ރައްޔިތުންނަށް އޮޅުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހުގެ ކަންކަން ގާތުން ބަލައި، ގައުމުގެ މަސްލަހަތު އިސްކުރުމުގައި ފުލުހުންނާއި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އިންސާފަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.