ނިމިދިޔަ ސަރުކާރުން އަޅާފައިވާ 4000 ހައުސިންގ ޔުނިޓްގެ ކުލި ކުޑަކުރުމަށާއި، ކުލި ނެގުން ފަސްކުރުމަށް ފަހި ޔޫނިއަނުން ސަރުކާރަށް ގޮވާލައިފި އެވެ.

ފަހި ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހިނގަމުންދާ ސަރުކާރުން ކުލީގެ އެއްބަސްވުން ހެދިއިރު ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސްފީއާއި އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއަށް ކަމަށެވެ. އަދި ތިން ކޮޓަރީގެ ފުލެޓެއްގެ އަގު މެއިންޓަނަންސްފީއާއި އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއަށް ކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

ނަމަވެސް ނިމިދިޔަ ސަރުކާރުން އަޅާފައިވާ 4000 ފުލެޓުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސް ފީ އާއި އެކު 6000 ރުފިޔާއަށާއި، ތިން ކޮޓަރީގެ ފުލެޓެއް މެއިންޓަނަންސް ފީ އާއި އެކު 8000 ރުފިޔާއަށް ކަމަށް ފަހި ޔޫނިއަނުން ބުނެ އެވެ. އެހެންކަމުން ނިމިދިޔަ ސަރުކާރުން ކަނޑައަޅާފައިވާ ކުލިއަށް ބަދަލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލާކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

ފަހި ޔޫނިއަނުން އިތުރަށް ގޮވާލީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ކުއްޔަށްދޭ އެޕާޓްމަންޓްތަކަށް ނަގާފައިވާ ޑައުން ޕޭމަންޓް އުނިކޮށްދިނުމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ދަތިހާލަތަށް ރިއާޔަތްކޮށް، މިފުލެޓްތައް ލިބުނު ރައްޔިތުން އެތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހިފައި ވުމާއި ގުޅިގެން މިހާރު ދީފައިވާ ތިން މަސްދުވަހުގެ ގުރޭސް ޕީރިއަޑު އިތުރު ހަ މަހަށް ނުވަތަ އެއް އަހަރަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް ވެސް ބުންޏެވެ.

މިސަރުކާރުން ފުލެޓްތަކަށް ދޫކޮށްފައިވަނީ ކުލީގެ އެއްބަސްވުމެއް ކަމުން ފުލެޓް ލިބުނުފަރާތާއި އެފަރާތްތަކުގެ އާއިލާތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހައްދަވައިދެވެން ނެތްކަމަށް މާލެ ސިޓީކައުންސިލުން ވަނީ އަންގާފައި ކަމަށް ފަހި ޔޫނިއަނުން ފާހަގަކުރި އެވެ. އެހެންކަމުން އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓްތަކެކޭ އެއްފަދައިން މި 4000 ފުލެޓްގެ އެއްބަސްވުން ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކޮށްދެއްވުމަށް އެދި ގޮވާލާކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.

ފަހި ޔޫނިއަނުން ފާހަގަކުރި ގޮތުގައި މިހާތަނަށް ރާއްޖޭގައި ދޫކުރެވިފައިވާ ހައުސިން ސްކީމްތަކަކީ ސޯޝަލް ހައުސިންގ ޔުނިޓްގެ ގޮތުގައި ދޫކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. އަދި ރާއްޖޭގައި އެންމެ ފަހުން ދޫކުރެވުނު ސޯޝަލް ހައުސިންގ ސްކީމްކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލުކޮށްފައިވާ އުސޫލަކީ ފުލެޓް އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއްކަމުގައިވާކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ހުޅުމާލެ ފޭސް އެކެއްގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން މުޅިރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށްދެއްވުމަށް ގޮވާލާފައިވެ އެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރައްޔިތުންނަށް އިތުރު ބުރައެއް އަދި ތަކުލީފެއް އުފުލަން ނުޖެހޭނެ ގޮތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު މި 4000 ފުލެޓް ލިބިފައިވާ އާއިލާތަކަށް ވެސް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރާކަމަށް ފަހި ޔޫނިއަނުން ބުންޏެވެ.