އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި އެވެ. 

ބުދަ ދުވަހުގެ ހެނދުނު 10:45 ހާއިރު އެމްޑީޕީގެ އިސްބޭފުޅުންނާއި، އެޕާޓީގެ މެންބަރުން ވަނީ އޭސީސީ އަށް އެއްވެ އަޑު އުފުލާފަ އެވެ. އަދި ކޮމިޝަންގެ ރައީސް ޝާމިލްގެ އިސްތިއުފާއަށް ގޮވާލަފައިވެ އެވެ.

އެމްޑީޕީން ބުނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ  ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާ ކަމަށެވެ.

އެގޮތުން މުސާރަ ބޮޑުކޮށް، ޕްރޮމޯޝަންތައް ދިނުމާއި، ވަޒީފާތައް ބެހުމުގެ އިތުރުން ހައުސިން މަޝްރޫއުތަކުގެ ކުލި ކުޑަ ކުރަމުންދަނީ ސީދާ އިންތިޚާބާ ގުޅިގެން ކަމަށެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ބަހަމުންދާއިރު، އޭސީސީ ކޯމާއެއްގައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމްޑީޕީން ބުނެ އެވެ. 

މިހާތަނަށް އިންތިޚާބުތަކާ ގުޅިގެން ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދު ހަސަން ވިދާޅުވީ އެއްވެސް މައްސަލައަކަށް ޖަވާބުދީފައިނުވާ ކަމަށެވެ. އަދި ރަސްމީކޮށް ކޮމިޝަނަށް މައްސަލަ ހުށަނޭޅި ނަމަވެސް އިންތިޚާބާ ގުޅިގެން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މުޅި މިތަން މިއޮތީ މިތަނުގައި ތިއްބެވި ވެރިން ވެސް މިތިބީ ޒިންމާދާރު ވެރިން މިތިބީ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައި. މިތަނުގެ ރައީސް އަކީ ރައީސް މުއިއްޒު އައްޔަންކުރައްވާ ބޭފުޅެއް. އެހެންވީމަ މިވާގޮތަކީ މިތަނުން އެއްވެސް މައްސަލައެއް ނުވެސް ބަލާ. ހުރިހާ ކަމެއް މިއޮތީ ހުއްޓިފައި. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަބްދުﷲ ރަޝީދު ހަސަން 

މީގެ އިތުރުން އެމްޑީޕީން ވަނީ މިސަރުކާރުން ދައުލަތެއްގެ ސިފަ ނަގާލާފައިވާ ކަމަށް ބުނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. 

އެމްޑީޕީން ބުނީ، ރާއްޖޭގެ މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތް ކުރާނަމަ އޭސީސީގައި މިއަދު މުޒާހަރާ ކުރަން ނުޖެހޭ ކަމަށެވެ. އަދި މިމަހުގެ 4 ގައި ބާއްވާ އިންތިޚާބުތަކުގައި މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، ރިފެރެންޑަމް އިންތިޚާބުގައި ސަރުކާރު ބަލި ކުރެވިއްޖެ ނަމަ ރަނގަޅު ހާލަތަށް ގައުމު މިސްރާބު ޖަހާނެ ކަމަށެވެ.