އޭޕްރީލް މަހުގެ 4 ގައި ބާއްވާ ތިން އިންތިޚާބާ ދިމާކޮށް، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި އެވެ.

އަންގާރަ ދުވަހު މި އޮފީސް ހުޅުވައިދެއްވީ، ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، އައްޑޫ ގައި  އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހޮޅުވުމުން، އައްޑޫގެ ރައްޔިތުން މާލެއަށް ކުރަން ޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، އިދާރީ ގިނަ ކަންތައްތަކެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ނިންމާލުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވާނެ ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި އޮފީހުގެ ޚިދުމަތަކީ ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން، ދެކުނުގެ އަތޮޅުތަކަށް ފުޅާވެގެންދާނެ ޚިދުމަތެއް ކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، އަމަލީ ގޮތުން އެންސްޕާ އަދި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށްޓަކައި ލިޔެކިޔުންތައް ހުށަހަޅައި، އެކަމުގައި ލިބޭ ޖަވާބެއްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ  ވަގުތު ކުޑަވާނެ ކަމަށެވެ. 

އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ތަރައްގީކޮށް، މި ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނި ނަމަވެސް މިފަހުން ވެސް ކުޑަ ކުއްޖަކު ދިރިހުންނަން ބޭނުންވާ ކުޑަ ހޮޅިކޮޅެއް އެންސްޕާ މެދުވެރިކޮށް ގެނެސްދިނުމުގެ ހުއްދަ ނުދީ ވަނިކޮށް ކުއްޖާ ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިސަރުކާރާއެކު އާސަންދަ ރީފޯމްކޮށް ގެނައި ބަދަލުތަކާއެކު، ފަރުވާއަށް އާސަންދަ ހަމަ ނުޖެހޭ މައްސަލައާއި، ބޭސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި އިހުމާލުގެ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، މިފަދަ އެއްވެސް މައްސަލައަކަށް އެންސްޕާ އާއި އާސަންދަ ޖަވާބެއް ދީފައިނުވެ އެވެ.

ސިއްހީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށް އާއްމު ރައްޔިތުން ބުނަމުންދާއިރު، އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވާފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.