ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ
އިތުރުން ރިފެރެންޑަމް އިންތިޚާބު ކާމިޔާބު
ކުރުމަށް މި ސަރުކާރުން އެކި ގޮތްގޮތަށް ރިޝްވަތު ބަހަމުންދާ ކަމަށާއި، ނުފޫޒާ ބާރުގެ
ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު މަދުކުރުމަށް ހީލަތްތެރި އެތައް
އުކުޅުތަކެއް ބޭނުންކުރަމުންދާކަމަށް ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު
ދީފިއެވެ.

ރާއްޖެއެމްވީއަށް އެ ރަށުން މައުލޫމާތު ދިން
ފަރާތަކުން ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ސަރުކާރުން ދެއްވަދޫ ކައުންސިލުގެ
އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ރައީސްކަމަށް ކުރިމަތިލައިގެން އުޅޭ
އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު މަދު ކުރުމަށްވެސް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ
ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެއްވަދޫ ފެނަކަ
ބްރާންޗުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެމްޑީޕީ ފިކުރުގެ މީހުންނާއި،
އެމްޑީޕީ ކެންޑިޑޭޓުންގެ އާއިލާއަށް ނިސްބަތްވާ މުވައްޒަފުންނަށް ވޯޓު ނުލެވޭގޮތް
ހެދުމަށް އެ މުވައްޒަފުންގެ މަސައްކަތްތަކަށް ދަނީ ބާރު ފޯރުވަމުންނެވެ. އެގޮތުން ދެއްވަދޫގައި
މީހަކާ އިނދެގެން އެރަށުގައި ދިރިއުޅެމުންދާ ފެނަކަ މުވައްޒަފަކު ދުރާލާ
އެންގުމެއް ނެތި ކުއްލި ގޮތަކަށް އޭނާގެ ރަށް ގއ. މާމެންދޫއަށް
ބަދަލުކޮށްފައިވާއިރު، އަނބުރާ ދެއްވަދޫއަށް ބަދަލުވާން ބޭނުންވާނަމަ އެ
މުވައްޒަފަށް ހުށަހެޅީ ދެ ހުށަހެޅުމެކެވެ.

އެއް ހުށަހެޅުމަކީ އެ މުވައްޒަފުގެ އަނބިމީހާގެ
އާއިލާ މީހުން ދެއްވަދޫ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދިނުމެވެ. އަދި ވޯޓު ދެވެން
ނެތްނަމަ، އެ އާއިލާ މީހުން މެލޭޝިއާގައި ވޯޓުލުމަށް ރަޖިސްޓަރ ކުރުމަށްވެސް ހުށަހެޅިއެވެ.
އެގޮތުން ޓިކެޓާއި ހުރުމަށް ލާރިދޭގޮތަށް ހުށަހެޅިއިރު، އެތަނުގައި ވޯޓު ފޮށި
ނުހުންނާނެކަން ދުރާލާ ޕީއެންސީގެ މެމްބަރުންނަށްވެސް އެނގޭކަމަށް ރާއްޖެއެމްވީއަށް
މައުލޫމާތު ދިން ފަރާތުން ކިޔާދިނެވެ.

 އަނެއް ގޮތަކީ އެމީހުން ބުނާ އެ ފެމިލީގެ 6 މީހަކު އެބަޖެހޭ މެލޭޝިއާގެ ރަޖިސްޓްރީކޮށްލަން، އެއީ ވޯޓުލާކަށް ނޫން، މެލޭޝިއާއަށް ދާން ޓިކެޓާ އެކޮމޮޑޭޝަން ހަމަޖައްސާނެކަމަށް، ސަރުކާރަށް އެނގޭ އެތަނުގައި ވޯޓު ފޮއްޓެއް ނުހުންނާނެކަން މާ ކުރިން، އަދި އެ 6 މީހުންނަކީ އެމްޑީޕީއަށް ވޯޓުދޭނެ މީހުންކަން،
ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު ދިން މީހެއް

މީގެ އިތުރުން، އެމްޑީޕީގެ ކެންޑިޑޭޓެއްގެ އާއިލާ
މެމްބަރަކު ކުއްލި ގޮތަކަށް އެ އަތޮޅު އެހެން ރަށަކަށް ބަދަލުކޮށްފައިވާއިރު، އެ
މުވައްޒަފު ވަނީ ލިއުމުން އެކަން އެންގުމަށް އޮފީހުގައި އެދިފައެވެ. ނަމަވެސް
މިއަދާ ހަމައަށްވެސް އެއްވެސް ލިއުމެއް ދީފައިނުވާއިރު، އެ މުވައްޒަފަކީ ގާތުންދޭ
ތުއްތު ކުއްޖެއްގެ މައެކެވެ. އެހެންކަމުން ކުއްލި ގޮތަކަށް ފެނަކައިން މި ބަދަލު
ގެނެސް، އެއް ދުވަސްތެރޭ ފުރަން އެންގުމުން އެ މުވައްޒަފަށްވެސް ވަނީ ގިނަ
ތަކުލީފުތަކެއް ކުރިމަތިވެފައެވެ.

 އަނެއްކާވެސް ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ ގުޅާފައި އެ މުވައްޒަފު ގާތުގައި ބުނީ މާދަމާ ފުރަން ޖެހޭނެއޭ، އެ މެނޭޖަރުގެ އާއިލާ މީހަކު ޕީއެންސީ ޓިކެޓުގައި ވާދަކޮށްފައި ހުރީވެސް، މިއަދާ ހަމައަށްވެސް އެއްވެސް ލިއުމެއް ނުލިބޭ،  އޭނާގެ 9 މަހުގެ ތުއްތު ކުޑަ ކުއްޖަކުވެސް ހުރޭ، އެކަމަކު މިއަދުން މިއަދަށް ފުރަންޖެހޭކަމަށް ބުނެ ހަމައެކަނި އޭނާއަށް ޓިކެޓެއް ނަގާފައި ފޮނުވީ. އޭނާ ސަލާމް ބުނެ އެމްސީ ހުށަހެޅި އަދި އާއިލީ ޒިންމާ ބޭނުންވާކަމަށް ވެސް ބުނި، އެހިސާބުން ބުނީ އާއިލީ ޒިންމާގެ ވާހަކަ ދައްކަން ދެން ޖެހޭނީ އޭނާ ދާން ހަމަޖެހިފައިވާ ރަށުގެ ބްރާންޗުގައިކަމަށް
ގއ ދެއްވަދޫއިން ރާއްޖެޓީވީއަށް މައުލޫމާތު ދިން މީހެއް

އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ކިޔައިދިން
ގޮތުގައި މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ވޯޓު ލުމުގެ ފުރުސަތު ގެއްލުވާލުމެވެ.
އެގޮތުން އެތައް ބަޔަކަށް މިގޮތަށް ދަތިކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް
ސަރުކާރުގެ އެކިއެކި އިދާރާތައް ބޭނުންކޮށްގެން އެކި އުކުޅުތައް ގެންދަނީ
ބޭނުންކުރަމުންނެވެ.

އޭޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިޚާބުތަކާ
ގުޅިގެން ފާޅުގައި ސަރުކާރުން ރިޝްވަތު ހުށަހަޅަމުންދިޔަ ނަމަވެސް ހުރިހާ މިނިވަން
މުއައްސަސާތައް ވަނީ ނިދާފައި ކަމަށް އެމްޑީޕީން ގެންދަނީ ބުނަމުންނެވެ.