އއ. އުކުޅަހުގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތު މުއައްޒަފުންނަށް، ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ނުދޭ ކަމަށާއި، އެ ފައިސާ ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށް އެމީހުން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ މިސްކިތެއްގައި މަސައްކަތް ކުރާ މުއައްޒަފަކު ބުނީ، މިއަހަރު ރަމަޟާން މަހުގެ އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށާއި، ބަންދު ދުވަސްތަކުގެ އެލަވަންސް ނުދޭ ކަމަށެވެ.
މީގެ ކުރިން ރަމާޟާން މަހު، ރޯދަ ވީއްލުމަށްޓަކައި ކޮންމެ ދުވަހު ވެސް 60 ރުފިޔާގެ އެލަވަންސެއް ދޭކަން ފާހަގަކޮށް އެ މުއައްޒަފު ބުނީ، ތަރާވީހު ނަމާދުގެ ވަގުތަށް ވެސް އިތުރަށް ފައިސާ ދޭ ކަމަށެވެ. ނަމަވެސް މިހުރިހާ އެލަވަންސެއް ކަނޑާލާފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ބުނީ، މި ކަންބޮޑުވުން ފާޅު ކުރަން ފެށުމުން ބުދަ ދުވަހު ކައުންސިލް އިދާރާއަށް އެ މުއައްޒަފުން ގެންދިޔަ ކަމަށާއި، މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިން ކަމަށެވެ. އެއީ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އައި ބަދަލެއް ކަމަށް އަންގާފައިވާ ކަމަށާއި، މިހާރު ނުލިބޭ އެލަވަންސްތައް ބޮޑު ކުރި މުސާރައިގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އަދި މިހާރު އިތުރު ގަޑީގެ ފައިސާ އެގޮތަށް ދޫނުކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެމީހާ ބުނީ، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު އެލަވަންސްތައް ކަނޑާ ކަމަށްވާނަމަ އެކަން އަންގަން ޖެހޭ ކަމަށާއި، ނަމަވެސް އެކަން އަންގާފައިނުވާ ކަމަށެވެ. އަދި ބަންދު ދުވަސްތަކާއި، އިތުރު ގަޑީގައި މަސައްކަތް ކުރުވާ ނަމަ އިތުރުގަޑީގެ ފައިސާ ވެސް ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ. މިއީ މުސާރަ ބޮޑު ކުރި ނަމުގައި ރައްޔިތުންނަށް އޮޅުވާލުން ކަމަށް އޭނާ ބުންޏެވެ.
އެ މުއައްޒަފުންގެ މުސާރައިގެ ސްލިޕް ވެސް މުސާރަ ޖަމާވުމުގެ ކުރިން ނުލިބޭކަން ފާހަގަކޮށް އެކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.