ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން، އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ އެވެ.
އެގޮތުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ވެސް ވަނީ، ދެ އިންތިޚާބު އެއްކޮށްލަން ތާއީދު ނުކުރައްވާ ކަމަށް ހާމަ ކޮށްފަ އެވެ.
އެންމެ ފަހުން ހާމަ ކުރައްވާފައި ވަނީ ވަޓްސް އެޕް ގުރޫޕެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮށްލަން އެމަނިކުފާނު ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ، ނޫނެކެވެ.
މީގެ އިތުރުން ރައީސް ސޯލިޙް އާއި ރަައީސް ނަޝީދު އަދި ރައީސް ޔާމީން ވެސް ގެންދަވަނީ އެކި އެކި ޖަލްސާ ތަކާއި، ޕްލެޓްފޯމް ތަކުގައި ދެ އިންތިޚާބު އެއް ކުރުމާ ދެކޮޅަށް ކެމްޕެއިން ކުރައްވަމުންނެވެ. އަަދި އެއީ ސަރުކާރުން ވަރަށް ހީލަތްތެރިި ރޭވުމެއްގެ ތެރެއިން ކުރަން އުޅޭ ކަމެއް ކަމަށް އެ ބޭފުޅުން ގެންދަވަނީ ސިފަ ކުރައްވަމުންނެވެ.
އިންތިޚާބުތައް އެއްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ކެމްޕެއިން ކުރަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރާ ފަރާތް ތަކުން އަންނަނީ އެންމެ ދެ ސިޔާސީ ޕާޓީ ފިޔަވައި، އެހެން ހުރިހާ ޕާޓީ ތަކުން އިންތިޚާބުތައް އެއްކުރަން ތާއީދު ކުރާ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. ނަމަވެސް، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ ވޯޓުން ވެރިކަމަށް ވަޑައިގެންނެވި ހަތަރު ރައީސުން ވެސް މި ވަނީ، އިންތިޚާބު އެއްކުރުމަށް ނޫނެކޭ ވިދާޅުވެފަ އެވެ.