ރެފަރެންޑަމް
ވޯޓު ނެގުން ހުއްޓުވެން ނެތްކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ
ދުސްތުރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއް ނޫންކަމަށް
ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި
ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ ދީދީ ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު ޙުކުމަކީ ސައްޙަ
ދުސްތުރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ޙުކުމެއް ނޫންކަން
މި މައްސަލައާ ގުޅުން ހުރި ދުސްތޫރީ ނައްޞުތަކަށާއި، ދުސްތޫރީ ނައްޞުތައް މާނަކުރުމުގެ
ޢާންމު އުޞޫލުތަކަށް ބެލުމުން ސާފުކޮށް އެނގޭ ކަމަށެވެ.
ޑރ ދީދީ ވިދާޅުވީ،
ދުސްތޫރީ ނައްޞެއްގައި އެއްވެސް އޮޅުމެއް ނާރާގޮތަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ
ކަމެއް ތަޠްބީޤު ކުރަންވާނީ އެ ނައްޞެއްގައި ކަނޑައަޅައިފައިވާ ގޮތަށް ކަމަށާއި، އެކަން
ނިންމަން ޖެހެނީ އެއްވެސް މީހެއްގެ އަމިއްލަ އިޖްތިހާދަކަށް ނޫން ކަމަށެވެ.
މިގޮތުންބަލާއިރު،
ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގައި ޤާނޫނުއަސާސީގެ ކަނޑައެޅޭ ވަކި މާއްދާތަކަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ
ބިލެއް ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤު ކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން
ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޢުލަބިއްޔަތު
ލިބިއްޖެނަމަ ކަމަށް ބަޔާން ކޮށްފައި އޮތުމުން އެއްވެސް އޮޅުމެއްނެތް މިންވަރަށް އެނގެނީ،
ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ދަށުން ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުންނާ ކުރެވޭ ސުވާލު ވާންވާނީ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރެވޭ
ސުވާލަކަށްކަން ޑރ ދީދީ ފާހަގަ ކުރެއްވި އެވެ.
އަދި ވިދާޅުވީ، އެ ނޫން އެއްވެސް ވާހަކައެއް އެ ސުވާލުގައި
ޝާމިލުކޮށް، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރަން
ފެނޭތޯ އެ ސުވާލުގައި ހިމެނުމަކީ ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ (ށ) ގެ ޙުދޫދު ފަހަނައަޅައި
ދިއުންކަމުގައި މެނުވީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން،
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު
ވޯޓު ނެގުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް
އެދި ހުށަހަޅާ ސުވާލަކީ ދުސްތޫރީ ގޮތުން ޞައްޙަ ސުވާލެއް ނޫންކަން ސާފުކޮށް އެނގޭކަމަށްވެސް
ޑރ ދީދީ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެ ސުވާލުގައި ޤާނޫނުއަސާސީގެ 162 ވަނަ މާއްދާގެ
(ށ) ގައި ، ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކުގެ ތެރެއިން، ރައްޔިތުން ގެ ޚިޔާލު
ހޯދުން ލާޒިމްކޮށްފައިވާ މާއްދާ އާއި، އޭގެ ދަށުން ގެނެވޭ އިޞްލާޙެއް ބަޔާންކޮށްފައި
ނުވުމެވެ. އެގޮތުން އެ ސުވާލުގައި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެނައި
އިޞްލާޙުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޢުމުރަށް އަންނަ ބަދަލު ބަޔާންކޮށްފައި
ނުވާކަން ފާހަގަ ކުރެއްވި އެވެ.
ޑރ ދީދީ ފާހަގަ
ކުރެއްވި ގޮތުގައި
ޤާނޫނުއަސާސީއަށް
ގެނެވޭ އިޞްލާޙެއް ތަޞްދީޤުކުރުމުގެ ކުރިން، ނެގުން ލާޒިމްކުރާ ރެފެރެންޑަމްތަކުގައި
ވޯޓުދޭ މީހުންނަށް ، ބުނެވުނު އިޞްލާޙު ގެނެވުނީ ޤާނޫނުއަސާސީގެ ކޮން މާއްދާއަކަށް
ނުވަތަ މާއްދާތަކަކަށް ކަމާއި، ގެނެވުނު އިޞްލާޙުގެ ޚުލާޞާ އެނގޭގޮތަށް، ހުށަހެޅޭ ސުވާލު
ފަރުމާކޮށްފައި އޮތުމަކީ ދުސްތޫރީގޮތުން ލާޒިމްވެގެންވާ
ކަމެކެވެ.
އިސްވެދިޔަ ސަބަބުތަކަށްޓަކައި، ސުޕްރީމް ކޯޓުގެ މިއަދުގެ ޙުކުމަކީ ޞައްޙަ ދުސްތޫރީ ސަބަބުތަކަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ކޮށްފައިވާ ނާޤިޞް /“ޑިފެކްޓިވް” ޙުކުމެއްކަމާމެދު އެއްވެސް ޝައްކެއް ނެތް.ކުރީގެ އުއްތަމަފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ
އެހެންކަމުން
އެ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އެ ޙުކުމަކީ ޞައްޙަ ދުސްތޫރީ ސަބަބުތަކަކާއި
އަސާސްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ކޮށްފައިވާ ޙުކުމެއްކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި އެއީ ނާޤިޞް (ޑިފެކްޓިވް/އުނި)
ޙުކުމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.