ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ
ސަރުކާރުން ދައްކާ އެއްވެސް ވާހަކައެއް ބަހާއި އަމަލު ދިމާނުވާތީކަމަށް ބިލެތްދޫ
ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
ހަލީމް ވިދާޅުވީ، ރެފަރެންޑަމް ވޯޓު ނެގުމަށް އެންމެ ފުރަތަމަ ސަރުކާރުން ދައްކަމުން
ދިޔަ ސަބަބަކީ އެކަމުގެ ސަބަބުން ޚަރަދު ކުޑަކުރެވޭ ވާހަކަ ކަމަށާއި، އެއީ
ދޮގެއްކަން މިއަދު ރައްޔިތުންނަށް ސާފުކޮށް ހާމަވަމުންދާކަމަށެވެ. އަދި ވިދާޅުވީ،
ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ދައުލަތުގެ ޚަރަދު އިންތިހާއަށް
ބޮޑުކަން މިއަދު ފެންނަން އެބައޮތް ކަމަށެވެ.
ހަލީމް އިތުރަށް ވިދާޅުވީ، އިންތިޚާބުތައް މަދު
ކުރުމުގެ ވިސްނުން މި ސަރުކާރުން ވަރަށް ބޮޑަށް ގެންގުޅޭ ކަމަށާއި، ލާމަރުކަޒީ ނިޒާމަށްވެސް
ބޮޑެތި ގެއްލުންތައް މި ސަރުކާރުން ދީފައިވާ ކަމަށެވެ.
އަޅުގަނޑު އެދެނީ 4 އޭޕްރީލްގައި ދިވެހި ރައްޔިތުން ނުކުމެ، އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމާއެކު ހަމަ އެއް ނޭވާއެއްގައި މި ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބޮޑުކޮށް ޖަހަން.ބިލެއްދޫ ދާއިޜާގެ ކުރީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)
ހަލީމް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއާ ގުޅިގެން
ދިވެހި ރައްޔިތުން އިއްތިފާޤުވެފައިވާ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދެފުއް ފެންނަ ގޮތަކަށް އިންތިޚާބުތައް ބޭއްވުން
ހިމެނޭ ކަމަށެވެ. މީގެ ކުރިން ބޭއްވިފައިވާ އިންތިޚާބުތައްވެސް ޖުމުލަ ގޮތެއްގައި
ގޮސްފައިވަނީ މާ ބޮޑެތި މައްސަލަތަކެއް ނެތި، ވޯޓުގެ ނަތިޖާ ޔަޤީން ކުރެވޭގޮތަށް
ކަމަށެވެ.
އެހެންނަމަވެސް މިއަދު އެކަން އެމަގުން ދާނެ
ކަމާމެދު ޝައްކުތަކެއް އުފެދިފައިވާކަން ފާހަގަ ކުރައްވައި ހަލީމް ވިދާޅުވީ، އެ
ޝައްކުތަކާއެކު ފެންމަތިވާ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް
ފެންމަތިވުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން މި ވޯޓާ ގުޅިގެން
ދައްކަމުންދާ އެއްވެސް ވާހަކައެއްގައި ބަހާއި އަމަލު ދިމާވާތަން ފެންނަން ނެތް
ކަމަށާއި، ވޯޓުގައި ނޫނެކޭ ބުނަން ޖެހެނީ އެ ސަބަބާހުރެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.