އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ކޮންމެ މީހަކަށްވެސް 3 ކަރުދާސް އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން މިހެން ބުނެފައިމިވަނީ، ވޯޓު ކަރުދާސް ދޫކުރާ ގޮތާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ވޯޓު ލާން އަންނަ މީހުންނަށް ތިން ވޯޓު ކަރުދާސް ދޫނުކޮށް، ތިން އިންތިޚާބަށް ވެސް ވޯޓު ލާނެތޯ ސުވާލު ކުރެ އެވެ. އަދި އެމީހަކަށް ދޫކުރަނީ ހަމައެކަނި އެމީހަކު ވޯޓު ލާން ބޭނުންވާ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އީސީން ބުނީ، އެކޮމިޝަންގެ އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށާއި، ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ، ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ.
އީސީން ބުނީ، ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެ ކަމަށެވެ. އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށްވެސް 3 ކަރުދާސް އެމީހަކު ބޭނުންވާގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށެވެ.