ސަރުކާރުން އިތުރު ގޯސްތަކެއް ހެދިޔަ ނުދިނުމަށް
ރައްޔިތުން އެދޭނަމަ ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭކަމަށް މި ވޯޓާ
ގުޅިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅުއްވި ޤާނޫނީ ވަކީލު
އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނަންޖެހޭ އެއްވެސް
އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ ކަމަށާއި، ހައްތަހާވެސް ހުރީ މި ވޯޓުގައި
ނޫނެކޭ ބުނަންޖެހޭ ސަބަބުތައް ކަމަށެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރުން އިތުރު ގޯސްތަކެއް ހެދިޔަ
ނުދިނުމަށް ރައްޔިތުން އެދޭނަމަ އަދި ރައްޔިތުންނަށް ލިބިދާނެ ބޮޑު ގެއްލުމަކުން
ސަލާމަތްވުމަށް އެދޭނަމަ މި ވޯޓުގައި ނޫނެކޭ ބުނުން ވަރަށް މުހިއްމު ކަމަށެވެ.

ބޮޑު ގެއްލުމަކުން ސަލާމަތްވާން ބޭނުންވާނަމަ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ގެއްލުންތަކެއް ސަރުކާރުންވެސް ހެދިޔަ ނުދިނުމަށް ރައްޔިތުން ބޭނުންވާ ކަމުގައިވަނީނަމަ އެބަޖެހޭ ހަގީގަތުގައިވެސް މިފަހަރު ނޫނެކޭ ބުނަން.
ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް

ޝިޔާމް ވިދާޅުވީ، މި ވޯޓާ ގުޅިގެން ފާހަގަވާ އެތައް
މައްސަލަތަކެއް އެބަހުރި ކަމަށާއި، ކޯޓަށް މައްސަލަ ހުށަހެޅުއްވީވެސް އެފަދަ ގިނަ ކަންބޮޑުވުންތަކެއް
ހުރުމުން ކަމަށެވެ.

އެ މައްސަލައިގައި އަންގާރަ ދުވަހު ސުޕްރީމް ކޯޓުން
ޙުކުމްކޮށްފައިވާއިރު، ކޯޓުން ނިންމާފައިވަނީ ވޯޓު ނެގުން ހުއްޓުވަންޖެހޭ ސަބަބެއް
ނެތް ކަމަށެވެ. މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ،
ހިޔާލު ހޯދުމުގެ ވޯޓު ނެގުން ލާޒިމުވާ ޙާލަތްތަކެއް އެބަހުރި ކަމަށާއި، އިހުތިޔާރީ
ޙާލަތްތަކެއްވެސް އެބަހުރި ކަމަށެވެ. އަދި އެ ދެ ޙާލަތުގައިވެސް ރައީސް ޤަރާރެއް
ނެރުއްވަންޖެހޭއިރު، ރައީސްގެ ޤަރާރުގައި ހިމެނުން ލާޒިމު ކަންކަން ރެފަރެންޑަމް
ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް 8
ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރުމުން މިހާރު އޮތް މަޖިލީހުގެ ދައުރު
ބަދަލުވާނެކަން އެއީ އެ އިސްލާޙާއެކު އަންނާނެ ޔަޤީން ބަދަލެއްކަމަށެވެ. އަދި
ވިދާޅުވީ، މުޅި ބިލަށް ރައްޔިތުން ރުހެން ޖެހޭނެ ކަމަށާއި، އެހެންކަމުން މުޅި
ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސް ސުވާލު ކުރެއްވުމަކީ މައްސަލައެއްކަމަށް
ދެކިނުލައްވާކަމަށެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓު ބާއްވައިގެން
ނުވާނެކަމަށް ކަނޑައެޅޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރުގެ މި ރައުޔަށް ދެން ތިއްބެވި
ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.