ލޯކަލް ކައުންސިލް އިންތިހާބާއި، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް އެންމެ ތިން ދުވަހަށް ވެފައި ވަނިކޮށް، ގިނަ އަދަދެއްގެ ފުލުހުންގެ މުސާރަ ބޮޑުވުމަކީ އިއްތިފާގެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ އިންތިހާބާ ދިމާކޮށް މުސާރައަށް ބަދަލު ގެނައުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އަންގާރަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޔުނިފޯމު ފުލުހުން ބަދަލުވިތާ ދެ އަހަރު ފުރިފައިވާތީ، އެ ފްރޭމްވޯކުގައިވާ އުސޫލުތަކުގެ މަތިން އެ ދުވަހުން ފެށިގެން ފުލުހުންގެ މަގާމުގެ އެލަވަންސް ދެވަނަ ހަރުފަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއީ ކުރިންވެސް ނިންމާފައިވާ އުސޫލެއްގެ ދަށުން ގެނައި ބަދަލެއް ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެލަވަންސަކީ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށި ހިސާބުން ފެށިގެން ދެ އަހަރު ހަމަވުމުން ދިނުމަށް ކުރިންވެސް ފާސްކޮށް، ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމް ވޯޓަށް ތިން ދުވަހަށް ވެފައި އޮއްވައި މި އެލަވަންސް ދެވެން ފެށުމަކީ ހަމައެކަނި އިއްތިފާގެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ސާކިއުލާގައިވާ ގޮތުން މި ބަދަލު ގެނެސްފައިވަނީ އެ ފުލުހަކު ހުރި ރޭންކާއި ގްރޭޑުގައި ދެ އަހަރުވެ، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުން ވިދިވިދިގެން ދެ އަހަރު ދުވަހު އެވްރެޖްކޮށް 75 އިންސައްތަ އަށްވުރެ މަތިން މާކްސް ލިބިފައިވާ ޔުނީފޯމް މުވައްޒަފުންނަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން މުސާރަ ބޮޑުވާނީ ވަރަށް މަދު އަދަދެއްގެ ފުލުހުންނަށެވެ.

ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ބައެއް ފުލުހުން ބުނީ، މި ބަދަލުގެ ސަބަބުން ފުލުހުންގެ ހިދުމަތުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ހުރިހާ ފުލުހުންގެ މުސާރަ ބޮޑުވެފައިވާ ކަމަށެވެ. އެ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި މި ބަދަލާއެކު މުއައްސަސާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 90 އިންސައްތަ ފުލުހުންގެ މުސާރައަށް ކުރިއެރުން އަންނާނެ އެވެ.

މީގެ އިތުރުން، މި އެލަވަންސް ދެނީ އަސާސީ މުސާރަ އަށް ބަލައިގެން ކަމަށްވާތީ، މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އިތުރުވުމެއް އަންނާނީ ފުލުހުންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަށް ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އިންތިހާބާ ކައިރިވެފައި ވަނިކޮށް މިފަދަ ބޮޑު މުސާރައިގެ ކުރިއެރުމެއް ދިނުމުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.