މާލެ ސިޓީ ކައުންސިލާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ އެއް މާފަންނު ވެސްޓްޕާކް ސަރަހައްދުގައި ކުރިއަށް ދަނިކޮށް، އެ ސަރަހައްދުން ކަރަންޓު ކަނޑާލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ދިޔަ މި ޖަލްސާ އަކީ އެމްޑީޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ ޖަލްސާ އެކެވެ.
މި މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނު ވެސްޓްޕާކް ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ރާވައިގެން ހިންގި އަމަލެކެވެ.

ކަރަންޓު ކަނޑާލުމުން ވެސް ޖަލްސާ ވަނީ މެދުކަނޑައި ނުލަެި ކުރިޔަށް ގެންގޮސްފަ.
ކަރަންޓު ކަނޑާލުމުން ވެސް އެމްޑީޕީ އިން ވަނީ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފަ އެވެ. ޖަލްސާ އަށްފަހު އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، ކެމްޕެއިން ފެށިނޫއްސުރެ ވެސް އެކި ގޮތްގޮތުން އެމްޑީޕީގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީއަކީ މިފަދަ ޖެއްސުންތަކަށް ނުވަތަ ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫންކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ޖަލްސާ ކުރިއަށް ދަނިކޮށް މާފަންނު ހުޅަނގު ދާއިރާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑާލުމަކީ ހަމައެކަނި އެމްޑީޕީ އަށް ކުރި ޖެއްސުމެއް ނޫން ކަމަށާއި، އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދިން ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު "ނޮހޮރުއްޕާނެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ދިވެހި ރައްޔިތުންނަށް ޖެއްސުންކުރުން ނޫން ކަމެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެ، އާޒިމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކަރަންޓު ކެނޑުނު ނަމަވެސް، ޖަލްސާގެ ފޯރިއަށް ބަދަލެއް ނައިސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ޖަލްސާ ނިމެންދެން އެ ސަރަހައްދުގައި މަޑުކޮށްފަ އެވެ.