ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކުރަން ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ނޫނެކޭ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލް އިންތިހާބު އޮންނަ ދުވަހު އެވެ. މި އިންތިހާބަށް އިދިކޮޅު ސިޔާސީ އިސްވެރިން ވެސް ގެންދަވަނީ ނޫނެކޭ ވިދާޅުވަމުންނެވެ. 

އެޕްރީލް 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއިދު ނުކުރައްވާކަން އަންގާރަ ދުވަހުގެރޭ ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ވަޓްސްއެޕް ގްރޫޕެއްގައި މީހަކު ކުރި ސުވާލަކާއި ގުޅިގެން ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ވިދާޅުވެފަ އެވެ.