އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ވޯޓުގެ ސިއްރުކަން ގެއްލުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރަންޑަމް ވޯޓާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވިދާޅުވީ، އިންތިޚާބުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރަން އީސީ އިން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަން އިތުރަށް ތަފްސީލު ކޮށްދެއްވަމުން ސުޢޫދު ވިދާޅުވީ، އީސީ އިން ގަސްތުކުރަނީ ތިން އިންތިޚާބުގެ ތިން ވޯޓު ކަރުދާހުގެ ތެރެއިން އެމީހަކު ވޯޓުލާން ބޭނުންވަނީ ކޮން ކަމަކަށްތޯ އަހާ ސާފުކުރުމަށްފަހު، ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޢޫދު ވަނީ އެއްފަހަރާ ބާއްވާ ތިން އިންތިޚާބެއްގެ ތިން ކަރުދާސްކޮޅު ރައްޔިތުމީހާގެ އަތަށް ދިނުމަށް އީސީ އިން ބޭނުން ނުވާކަން ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، ތިން ކަރުދާސްކޮޅު ދިނުމުން، އޭގެ ތެރެއިން ވޯޓުލާނީ ކޮން ކަމަކަށްތޯ ނިންމުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިޚްތިޔާރުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ ސިއްރުކަން ހިމާޔަތްކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސެވެ. ވޯޓުލާ މީހާ ކުރެން ވޯޓުލާނީ ކޮން ކަމަކަށްތޯ އެހެން މީހަކަށް އެނގޭ ގޮތަށް އަމަލުކުރުމަކީ، ވޯޓުލުމުގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވަނީ ފާހަގަކުރައްވާފަ އެވެ.

އިންތިހާބުތަކުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަށް ނެރުމަށްޓަކައި އިސީ އިން ގާނޫނާ ހިލާފު އެތައްކަމެއް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.