ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރާ ގުޅިގެން އެމްޑީޕީ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް ކަމަށާއި މިކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ގާނޫނާއި ގާނޫނުއަސާސީ ގައި ބަޔާން ކުރާ ކަންކަން ފުރިހަމަނުވާތީ އެ މައްސަލަ ސިވިލް ކޯޓަށް އެ ޕާޓީ ގެ ފަރާތުން ހުށަހެޅި ކަމަށެވެ. 

ނަމަވެސް އެ މައްސަލަ 5 ފަހަރު މަތިން އެ ކޯޓުން ބޭރުކޮށްލި އިރު ކޯޓުގެ ރަޖިސްޓްރަ ނިންމެވީ، އެ ގަރާރު ރަނގަޅު ކުރުމަށް ކުރި މަސައްކަތެއް ލިޔެ ކިޔުމުން ފެންނަން ނެތް ކަން ކަމަށް މައުރޫފް ވިދާޅުވި އެވެ. 

މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ޤާނޫނީ ކަމަކަށްވުރެ ހެއްވާ ކަމެއްގެ ގޮތުގައި. ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަކީ އެއްވެސް ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ނެރުއްވީމަ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާ އެއް ނެތް. އަދި އެކަމުގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދާ، ޝަކުވާ ކުރާނެ އެއްވެސް ގާނޫނީ އިޖުރާއަތެއް ނޯވޭ. ވެރިކަން ހިންގުމުގެ ފަރާތުން ކަމެއް ކުރެއްވީމާ އެކަމެއްގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދޭނަމަ  އެކަން ކަނޑައެޅުމަށްޓަކައި ހުށަހެޅުމަށް މި އޮންނަނީ ކޯޓު. އެގޮތުގެ މަތިން އެ މައްސަލަ ކޯޓަށް ހުށަހެޅީ. 
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް

މައުރޫފް ވިދާޅުވީ އެ މައްސަލަ 5 ފަހަރު މަތިން ސިވިލް ކޯޓުން ބޭރު ކުރިއިރު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ތަދައްޚުލު ވުމަށް ވެސް އެމްޑީޕީ އިން ފޯމު ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް އެ ފޯމު ބަލައިގެންފައި ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. 

އަންގާރަ ދުވަހު އެ ކަމާ މެދު ހުކުމް ކޮށް، މައްސަލަ ނިމިފައިވާއިރު އެމްޑީޕީ އިން ހުށަހެޅި ފޯމު ސުޕްރީމް ކޯޓުން ބަލައި ނުގަންނަން ނިންމީ އެކަށީގެންވާ ވަގުތު ނުލިބޭތީ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ތާވަލު ކުރީވެސް އެކަށީގެންވާ ވަގުތު އޮވެގެނެއް ނޫން. އެއްދުވަހު އިއުލާނު ކުރީ މާދަމާ އަޑުއެހުންތައް އޮންނާނެ ކަމަށް. އެ އި އުލާނު ކުރިތާ 1 ގަޑިއިރު ތެރޭގައި ތަދައްޚުލް ވުމުގެ ފޯމު އެމްޑީޕީ އިން ހުށަހަޅާފަ ވާނެ. މި މައްސަލައަކީ ސީދާ ރައީސް މުއިއްޒު ބޭނުންފުޅުވެގެން ނަގާ އާންމު ވޯޓާ ގުޅޭ މައްސަލައަކަށް ވާތީ ސުޕްރީމް ކޯޓުން މި މައްސަލަ އަވަސްކޮށް ނިންމާ މި ވޯޓުގައި މައްސަލައެއް ނެތް ކަން ދެއްކުމަށްޓަކައި ހުކުމެއް ކުރުމުގެ ބޭނުމުގައި ހިންގި ޝަރީއަތަކަށް ވާތީ ވަރަށް އަވަސް އަރުވާލައިގެން އާންމު ކޮށް ކޯޓުން އަމަލުކުރާ ގޮތާ ޚިލާފަށް އެއްދުވަހު ތާވަލު ކޮށްފަ އަނެއްދުވަހު އަޑު އެހުން ބޭއްވީ. 
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ސަރުކާރުން ބޭނުންވާގޮތަށެވެ. 

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރުމުން މިހާރު އޮތް މަޖިލީހުގެ ދައުރު ބަދަލުވާނެކަން އެއީ އެ އިސްލާޙާއެކު އަންނާނެ ޔަޤީން ބަދަލެއްކަމަށެވެ. އަދި ވިދާޅުވީ، މުޅި ބިލަށް ރައްޔިތުން ރުހުން ޖެހޭނެ ކަމަށާއި، އެހެންކަމުން މުޅި ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސް ސުވާލު ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކިނުލައްވާކަމަށެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓު ބާއްވައިގެން ނުވާނެކަމަށް ކަނޑައެޅޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރުގެ މި ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.