ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން, އަމިއްލަ ފަރާތަކުން ހިންގާ ޕްލޭ ސްކޫލް، "މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ގްރޯވްތް" (މިސްގް ޕްލޭސްކޫލް) ގެ ކިޔެވުން 1 އޭޕްރީލް 2026 ވާ ބުދަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިއްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސްކޫލުގައި ޖުމްލަ 154 ދަރިވަރުން ތައުލީމު ހާސިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޫލުގައި ކިޔެވުން ކުރިއަށްދާނެ ގަޑިތައް މިހާރު އާންމުކޮށްފައިވާއިރު, ނާސަރީގެ ކިޔެވުން ވަނީ ދެ ގަޑިއަކަށް ބަހާލާފައެވެ. ފުރަތަމަ ގަޑި އޮންނާނީ ހެނދުނު 07:00 އިން 08:45 އަށެވެ. އަދި ދެވަނަ ގަޑި ކުރިއަށްދާނީ ހެނދުނު 08:55 އިން 10:40 އަށެވެ.

މީގެ އިތުރުން ބޭބީ ނާސަރީގެ ކުދިންގެ ކިޔެވުންވެސް ދެ ގަޑިއަކަށް ވަނީ ބަހާލެވިފައެވެ. މި ގްރޭޑުގެ ފުރަތަމަ ގަޑި މެންދުރު 11:40 އިން 13:10 އަށް ކުރިއަށްދާއިރު، ދެވަނަ ގަޑި އޮންނާނީ މެންދުރުފަހު 13:20 އިން 14:50 އަށެވެ.

މި ޕްލޭ ސްކޫލުގެ ސަބަބުން ސިޓީގެ ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ކުޑަކުދިންނަށް ބޭނުންވާ އަސާސީ ތައުލީމާއި ހުނަރުތައް އުނގަންނައިދިނުމަށް ފަހި މާހައުލެއް ގާއިމުވެ, މިއީ އެ ސިޓީގެ މުސްތަގުބަލަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.