ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސަރުކާރުން ބޭނުންވާގޮތަށް ނިމިއްޖެ އެވެ. 

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ދުވަހު ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުންކަމަށް ވިދާޅުވެފަ އެވެ. 

މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އަންގާރަ ދުވަހު އެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު
ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނެގުން ލާޒިމުވާ ޙާލަތްތަކެއް އެބަހުރި ކަމަށާއި،
އިހުތިޔާރީ ޙާލަތްތަކެއްވެސް އެބަހުރި ކަމަށެވެ. އަދި އެ ދެ ޙާލަތުގައިވެސް ރައީސް
ޤަރާރެއް ނެރުއްވަންޖެހޭއިރު، ރައީސްގެ ޤަރާރުގައި ހިމެނުން ލާޒިމު ކަންކަން ރެފަރެންޑަމް
ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ހިޔާލު ހޯދުމަށް
އެއްކަމަކަށް ވުރެ ގިނަ ކަންކަން ހިމެނޭގޮތަށް ސުވާލު ފަރުމާ ކުރެވިދާނެކަން
ޤާނޫނީ ނައްސުން އެނގޭ ކަމަށެވެ.

ޤާނޫނުއަސާސީގައިވާ އިބާރާތެއްގައި ބުނާ އެއްޗެއް
އޮޅުން އަރާނަމަ އެންމެ ރަނގަޅުވާނީ ޤާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަޤްސަދަށް ބެލުންކަން
ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ އެ ޙާލަތުގައި ބަލަން އޮތް ހަމައެކަނި
މަސްދަރެއް ނޫން ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގައި ބުނެފައިވާ ވެރިކަމުގެ
ބާރުތައް ވަކި ކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތް ކުރުން ފަދަ
ކަންކަމަށްވެސް ފަނޑިޔާރުން އިސްކަން ދޭން ޖެހޭނެކަމަށް ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް 8
ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރުމުން މިހާރު އޮތް މަޖިލީހުގެ ދައުރު
ބަދަލުވާނެކަން އެއީ އެ އިސްލާޙާއެކު އަންނާނެ ޔަޤީން ބަދަލެއްކަމަށެވެ. އަދި
ވިދާޅުވީ، މުޅި ބިލަށް ރައްޔިތުން ރުހެން ޖެހޭނެ ކަމަށާއި، އެހެންކަމުން މުޅި
ބިލަށް ރައްޔިތުންގެ ރުހުން އޮތްތޯ ރައީސް ސުވާލު ކުރެއްވުމަކީ މައްސަލައެއްކަމަށް
ދެކިނުލައްވާކަމަށެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓު ބާއްވައިގެން ނުވާނެކަމަށް
ކަނޑައެޅޭނެ ޤާނޫނީ އަސާސެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރުގެ މި ރައުޔަށް ދެން ތިއްބެވި
ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފަ އެވެ.