ފުވައްމުލައް
ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް
ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން
ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދޫޑިގަން. ޒަމާނީގެ / ޏ. ފުވައްމުލައް، ޙަސަން
ޢާޒިމް އާއި ދޫޑިގަން. ކަރަންކާވިލާ / ޏ. ފުވައްމުލައް، އަޙްމަދު ނިއުޝާދުއެވެ.
އެމީހުން އަލުން ހައްޔަރުކުރީ އެ ދެމީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައިވާ
މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީކަމަށް ފުލުހުން
މައުލޫމާތު ދެ އެވެ.

އެ
ދެމީހުން އަލުން ހައްޔަރުކޮށްފައި ވަނީ 2026 މާރިޗު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި
ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް
ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުންގެ
ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ފާއިތުވި 5 އަހަރުގެ ތެރޭގައި އަޙްމަދު ނިއުޝާދުގެ
ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް
ހިންގާފައިވެއެވެ. އަދި ފާއިތުވި 2 އަހަރުގެ ތެރޭގައި ޙަސަން ޢާޒިމްގެ ބޭންކު
އެކައުންޓް މެދުވެރިކޮށް 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް
ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.