ރިޔާސީ
އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގާ
ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ
މައްސަލައެއް ހުށަހަޅައިފިއެވެ.

ހައިކޯޓަށް
މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ. ޝުނާނާ ހުށަހެޅުއްވި
މައްސަލައިގައި ވަނީ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް
އެދިފައެވެ.

މައްސަލަ
ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރިފަރެންޑަމާ ގުޅޭ މައުލޫމާތު، ވޯޓު ކަރުދާހުގެ
ނަމޫނާ އާއި ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު
ހަމަޖައްސަފައި ނެތުމާއި، އިންތިހާބާ ގުޅޭ ކަންކަމަށް
ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތުން ހިމެނެއެވެ.

މީގެ
އިތުރުން، މި އިސްލާޙުގެ 4 ވަނަ މާއްދާގައި ހިމެނިފައިވާ ކަންކަމަކީ ޤާނޫނު
ތަސްދީޤުކުރުމާއެކު ޤާނޫނުއަސާސީގެ ތެރެއަށް ވަންނާނެ މާއްދާއެއްތޯ ނުވަތަ ނޫންތޯ
އުފެދިފައިވާ ސުވާލު ވެސް ޝުނާނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ
މާއްދާގައި އޮންނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މަޖިލީހުގެ
އުމުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަމަވާނެ ކަމަށާއި،
މަޖިލިސް މެމްބަރުން ހޮވުމަށްޓަކައި ޤާނޫނަށް އަމަލުކުރުމަށް ފަހު އެންމެ އަވަހަށް
ބާއްވަންޖެހޭ އިންތިޚާބު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި، އެ
މަޤާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ނިންމައި،  2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފުރަތަމަ
ޖަލްސާ ބާއްވަންޖެހޭނެ ކަމަށެވެ.

ޝުނާނާ ހުށަހެޅުއްވި
މައްސަލައިގައި ބަޔާން ކުރައްވާފައިވަނީ، މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028
ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީ
ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު
ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށާއި،
އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައި ނެތް ކަމަށެވެ.

މި އިސްލާޙު
މިހާރު އޮތް ގޮތުން 4 ވަނަ މާއްދާ އަންނަނީ ޤާނޫނުއަސާސީގެ ކޮން ހިސާބަކަށްކަން
ވެސް އެނގޭކަށް ނެތްކަމަށް ޤާނޫނީ ބައެއް ބޭފުޅުންވެސް ގެންދަނީ ފާހަގަ
ކުރައްވަމުންނެވެ.