ކައުންސިލުތަކުގެ މަސައްކަތް ފާހަގަ ކުރުމަށް ކޮންމެ
އަހަރަކުވެސް ދޭ ކަންގަތި އެވޯޑު ހަފްލާ ނުބޭއްވުނީ ބަޖެޓުގެ ތާށިކަމުގެ
ސަބަބުންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ކަންގަތި އެވޯޑަކީ ކޮންމެ އަހަރަކުވެސް ފާއިތުވެ
ދިޔަ އަހަރުގެ ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް ގެ ރޭންކިންގ އާ
އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލްތަކަށް ދެވޭ
އެވޯޑެކެވެ.

އެލްޖީއޭއިން ވަނީ 19 ޑިސެމްބަރު 2024 ގައި
ކަންގަތި އެވޯޑު ބާއްވާފައެވެ. އަދި އެފަހަރު ވަނީ 2023 ވަނަ އަހަރުގެ އެވޯޑުތައް
ޙަވާލުކޮށްފައެވެ.

އެހެންނަމަވެސް 2024 ވަނަ އަހަރާއި، 2025 ވަނަ
އަހަރުގެ ޕަރފޯމަންސް އިންޑެކްސްގެ ރޭންކިންގ ގެ ދަށުން އެވޯޑު ޙަވާލު ކުރުމުގެ
ޙަފްލާ ބާއްވާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމަށް
އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ގުޅާލުމުން
އެލްޖީއޭގެ އޮފިޝަލު ވިދާޅުވީ، އެކަން ނުކުރެވި އޮތީ ބަޖެޓުގެ ތާށިކަމުގެ
ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.

އޭތީގަ ބަޖެޓު ތާށިވެގެން އަނެއްހެން ނުދެވިފައި ކަންނޭނގެ އޮތީ، އެ އެއްޗެހި ނިމިފަ އަނެއްހެން ހުރީ، ދެން އެކޮޅުން ނިންމަންޖެހޭނީ ބާއްވާނެ ދުވަހެއް ކަނޑައަޅަން، ރިޒަލްޓްތަކާ އެއްޗެހި ނިމިފައި ހުރީ،
އެލްޖީއޭގެ އޮފިޝަލު

އޭނާ ވިދާޅުވީ، އެލްޖީއޭގެ މަޤްސަދަކީ
ކައުންސިލުތަކަށް އެ ކައުންސިލެއްގެ ރޭންކިންގ އެންގުން ކަމަށާއި، ކައުންސިލުތަކުން
ރަނގަޅަށް މަސައްކަތް ކުރަން ބާރުއެޅޭނީ އޭރުން ކަމަށެވެ. އަދި އެގޮތުގެ މަތިން
ރޭންކުތައް އާންމު ކުރަމުން އައިސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ކުރިންވެސް ދެއަހަރެއްގެ އެވޯޑު އެއްކޮށް
ބޭއްވިފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެލްޖީއޭގެ އޮފިޝަލު ވިދާޅުވީ، މިހާރު ކައުންސިލުތަކުގެ
ދައުރުވެސް ނިމެން ކައިރިވެފައިވާތީ މިހާރު އެވޯޑު ބޭއްވިނަމަވެސް އެކަށީގެންވާ
ސަމާލުކަމެއް އެކަމަކަށް ނުލިބޭނެކަމަށެވެ.

އެހެންނަމަވެސް ވިދިވިދިގެން ދެ އަހަރުގެ އެވޯޑު ނުދެވި
އޮތީ ކޮން ސަބަބަކާހުރެތޯ ބައެއް ކައުންސިލުތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން، ކަންގަތި އެވޯޑު ނުދެވި އުޅެނިކޮށް
އެލްޖީއޭއިން އަނެއްކާވެސް ވަނީ ރަށްރަށުގެ ކާމިޔާބީ ޤައުމީ ފެންވަރުގައި
ފާހަގަކުރުމުގެ މަޤްސަދުގައި ޕަބްލިކް ސަރވިސް މީޑިއާ އިން މޯލްޑިވްސް ޓީވީ
ބްރޭންޑްގެ ދަށުން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑް" ގެ
އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ. އެ އެވޯޑަކީ ރާއްޖޭގެ ރަށްތަކުގެ
ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް
ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް
ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު
ވަޒަންކުރުމުގެ ގޮތުން ތަޢާރަފްކުރެވުނު  އެވޯޑެކެވެ.