ކުޅުދުއްފުށި ސިޓީގެ މޭޔަރ, މުޙައްމަދު ޢާޠިފް އަކީ ނަމޫނާ މޭޔަރެއް ކަމަށާއި, އެކަން މުޅި ރާއްޖެއަށް ދައްކައި, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް މޭޔަރ ޢާޠިފް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައެވެ.

ރޭގެ ޖަލްސާގައި ރައީސް ޞޯލިޙު ކުޅުދުއްފުށީ ރައްޔިތުންނާއި މުހާތަބު ކުރައްވައި ވިދާޅުވީ, އެ ސިޓީއަށް ކޮށްދެންޖެހޭ ހުރިހާ ކަމެއް ކެރިގެން މިހާތަނަށް ކޮށްދެއްވާފައިވާ އެއް ބޭފުޅަކީ މޭޔަރ ޢާޠިފް ކަމަށެވެ.

އަޅުގަނޑަށް ޔަގީން، އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ތާއީދާއި ބޮޑު އަގުލަބިއްޔަތަކާއެކު، އާޠިފް މިފަހަރުވެސް މޭޔަރކަމުގެ ގޮނޑި ކާމިޔާބުކުރައްވާނެ .
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް

މީގެ އިތުރުން, ކުޅުދުއްފުށި ސިޓީއަށް މިއަށް ވުރެއް އިތުރު ޚިދުމަތްތައް މޭޔަރ ޢާޠިފް ހުންނަވައިގެން ކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މިގޮތުން ސަރުކާރަށް ވީ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީން ފެނުނު ހަމައެކަނި މަސައްކަތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި މަސައްކަތް ކަމަށާއި, މައި ސަރުކާރުން ކޮށްފައިވާ އެއްވެސް ކަމެއް އެ ސިޓީން ފެންނާކަށް ނެތް ކަމަށް ރައީސް ޞާލިޙް އެ  ޖަލްސާގައި ފާހަގަކުރައްވާފައިވެއެވެ.