ކުޅުދުއްފުށި ސިޓީ އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރަމްޒުކަމަށްވާ ތިލަފަތާއި އޮތް ގުޅުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް، ތަފާތު މޭރުމަކުން ވިދާޅުވެ ދެއްވައިފި އެވެ.

އެ ސިޓީގައި ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުން އާތިފް އެ ސިޓީގެ ކުރިއެރުމާއި އެމްޑީޕީ އާއި ގުޅިފައިވާ ގޮތް ވިދާޅުވެދެއްވީ ޅެންބައިތަކުންނެވެ. އާތިފް ވަނީ އެ ސިޓީގެ ކުރިއެރުމަށްޓަކައި އެމްޑީޕީ އިން ކޮށްދީފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، ދެން ވެސް އެ ސިޓީ އަށް ކުރިއެރުން ލިބޭނީ އެމްޑީޕީ އާއި އެކުގައި ކަމަށް ފާހަގަކުރައްވާފަ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމަކީ ވެސް އެ ސިޓީ އަށް ވަރަށް ފަހި ވެރިކަމެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ތިލަފަތުގެ ރީތި ރަމްޒުން ކުރުވީ އުފާ މި ރަމްޒުން، ތިލަފަތަށް އަޅާ ގިނަ ވޯޓުން ކުރަހާލި ތަސްވީރު މިހިތުން،  މަލަރީތި ރަށްވެހި ފަތިހަކަށް. އާދެ މީގެ 5 އަހަރު ކުރިން ނިކުތީ މި ޅެން މި ފަރިހި ކިޔައިގެން. މިއަދު  ކުޅުދުއްފުށީ ރައްޔިތުން ހެކިވާނެ އަޅުގަނޑުމެން ދެއްކި ވާހަކ ތެދުވިކަން." އާތިފް ވިދާޅުވި އެވެ.

އެމްޑީޕީ އިން ކުރިއަށް އޮތް އިންތިޚާބަށް ކުރިމަތިލަނީ ވަރަށް ރަނގަޅު ސިޔާސަތުތަކަކާއި އެކުގައި ކަމަށް ފާހަގަކުރައްވާ އެކަމުގެ ތަފްސީލްތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ލޯކަލް ޓުއަރިޒަމް ފުޅާކުރުމާއި، ރަށުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރާނެ ކަންކަމުގެ ތަފްސީލްތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. ވިޔަފާރިތަކަށް ފަހި ދިރިއުޅެން ފާގަތި މާހައުލެއް ހޯދައި ދިނުމަށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފަ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދިނުމަކީ އެ ސިޓީގެ ކުރިއެރުމަށް ލޯބި ކުރާ ކޮންމެ މީހަކު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އާތިފް ވަނީ ލޯކަލް ކައުންސިލްތަކަކީ ލާމަރުކަޒީ  ނިޒާމްގެ އެންމެ މުހިންމު ބައި ކަމަށް ވާއިރު އެ ނިޒާމުގެ ބާރުވެރިކަން ކައުންސިލްތަކަށް ދޫކޮށްލާ ހަމައެކަނި ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެ ނިޒާމުގައި ބަސް ބުނަން ތިބެން ވާނީ ވެސް އެ ޕާޓީގެ މީހުން ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.