އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހެންވޭރު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ބާއްވައިފި އެވެ.

މާލޭގެ މޭޔަރ އަދި އެމްޑީޕީ ޓިކެޓުގައި މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް އާއި އެ ދާއިރާ އަށް ވާދަކުރާ އެހެން ކެނޑިޑޭޓުންނާއި އެކު ބޭއްވި އެ ހަރަކާތަށް ހޫނު ތަރުޙީބެއް ވަނީ ލިބިފަ އެވެ. ހޯމަ ދުވަހު ހަވީރު ކުރިއަށް ދިޔަ އެ ހަރަކާތް ކުރިއަށް ދިޔައީ ޝަހީދު އަލީ މިސްކިތް ކުރިމަތިން، ލޮނު ޒިޔާރަތް މަގަށް ވާ ގޮތަށް ހުރި ގެތަކުގަ އެވެ. 

މި ދޮރުން ދޮރަށް ހަރަކާތުގައި އާޒިމްގެ އިތުރުން އެހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ އައިޝަތު ނާޒިމާ އާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ކަމަށް އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައިި ވާދަކުރައްވާ އައިމިނަތު ސޯނިޔާ ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގެ ވަރަށް ގިނަ ގެތަކަށް އާޒިމް އާއި އެމްޑީޕީގެ ޓީމުން ޒިޔާރަތްކޮށް އާއްމުން ބޭނުންވާ ކަންކަން ދަނީ އޮޅުންފިލުވަމުންނެވެ. މީގެ އިތުރުން އެމްޑީޕީ އިން މާލެ އަށް ކަނޑައަޅާފައިވާ މެނިފެސްޓޯ އާއި ވައުދުތަކުގެ މައުލޫމާތު ވެސް ދަނީ ފޯރުކޮށްދެމުންނެވެ.