ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރުން އުޅެނީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ބޭނުންކުރައްވައިގެން އޮޅުވާލެއްވި ގޮތަށް މިފަހަރު ކައުންސިލް އިންތިހާބު ބޭނުން ކުރައްވައިގެން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ދައުލަތުގެ ނިޒާމު ތަރުތީބުވެފައި އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ މުޅި ގައުމު ހިންގުމަށް ރައްޔިތުން އިންތިޚާބުކުރާ އެގްޒެކެޓިވްއެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރުމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން ވޯޓުލާ މީހުންގެ ފޯކަސް ގެއްލި، މަޖިލިސް އިންތިޚާބުގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ހިޔަނި އެޅޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ގަބޫލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވޭ ބޭފުޅަކު ނިސްބަތްވާ ޕާޓީއަކަށް މަޖިލީހުގެ ގޮނޑިތައް ދޭންޖެހޭނެ ކަމަށެވެ. މިއީ ވަކި ޕާޓީއެއް ވެރިކަމުގައި އޮތުމުން ދިމާވާ މައްސަލައެއް ނޫން ކަމަށާއި، ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މިގޮތަށް ކަންކަން ކުރުމުން މަޖިލީހުގެ މިނިވަންކަން ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ރޫހު ނެތިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ހަނދާން އެބަހުރި އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ހުސްގޮނޑީގައި ވާހަކަ އެންމެންވެސް ދައްކާ. ޕޯސްޓަރުތަކުގައި އެ އިންތިޚާބުގައި ވާދަކުރެއްވި ޕީ.ޕީ.އެމް.ޕީ.އެން.ސީގެ ކެންޑިޑޭޓަށްވުރެ ރައީސް ޔާމީންގެ މޫނުފުޅު ބޮޑީ އިނގޭތޯ. އަނެއް ދެ ބޭފުޅުން ތިއްބެވީ ފަހަތުގައި. އެހެންވީމާ، އެ ދައްކާފައި އައީ. ދެން އިންތިޚާބުވީމަ ވީގޮތް އޭގެ ފަހުން ވީގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަފެނޭ. އެހެންވީމަ ބޮޑު އޮޅުވާލުމުގެ ތެރޭގައި އެކަންވެސް ކުރެއްވީ މިވެސް އަޅުގަނޑަށް މި ފެންނަނީ ހަމަ އޮޅުވާލުމުގެ ތެރޭގައި މިކަން ކުރަމުންދާ ތަން. މި ސުވާލަކީ ބިލުތަކުގެ ޖަހާފައި ހުރި ނޫންތޯ ފުޓް ނޯޓް، ފުޓް ނޯޓްގައި އިންނާނެ ޖަހާފަ ގަނެގެންދާ އެތި ބަދަލެއް ނުކުރެވޭނޭ. ވަރަށް ކުޑަކުޑަ އަކުރުން ޖަހާފައި އޮންނާނެ. އެ ނުވެސް ކިޔާނެ މީހަކު ބިލުގެ އެ ފުޓްނޯޓް ނުވެސް ބަލާނެ. އެ ޒާތުގެ އެ މޭރުމުން ކުރާ ކަމެއްގެ ގޮތަށް މިކަން މި ދަނީ. 
 ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް

އަސްލާމް ވިދާޅުވީ  ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އަންނަ މިފަދަ ބޮޑު ބަދަލަކާ މެދު ކުއްލިއަކަށް ވޯޓު ނެގުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.

މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން، އޭގެ ދެކޮޅުގެ އާގިއުމަންޓްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެންޖެހޭ ކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން އެކަމާ ބެހޭގޮތުން ބަހުސް ކުރެވި މަޝްވަރާ ކުރެވެންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން، އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ދައްކައިގެން ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން އުޅުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.